އާސެނަލްގެ ކޯޗް އުނައި އެމެރީ އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކޮށް ގިނަ ބަދަލު ތަކެއް ގެނައުމައްޓަކައި ވަނީ ސީނިއާ ޓީމުގެ ހަތް ކުޅުންތެރިއަކު ވިއްކާލަން ނިންމާފައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސި ވިލާތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި 45 މިލިއަން ޕައުންޑްގެ ޓްރާންސްފާ ބަޖެޓެއް އާސެނަލް ބޯޑުން ވަނީ އަންނަ ސީޒަންގައި ހަރަދު ކުރަން ނިންމާފައެވެ. ޓީމަށް ދެން ހަރަދު ކުރާނީ ވިއްކަން ހަމަޖެހިފައިވާ ކުޅުންތެރިން ވިއްކައިގެން ލިބޭ ފައިސާއިން ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އާސެނަލްގެ އާމްދަނީ އަށް އެންމެ ބޮޑު އަސަރެއް ކުރަނީ ސްޕޮންސަރުންގެ ތެރެއިން ގިނަ ފަރާތްތަކުން ނޯތު ލަންޑަންގައި އިޝްތިހާރުކުރަން ޓޮޓެންހަމް އިހުތިޔާރުކުރާތީއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްރީ ބުނެފައިވަނީ މިހާރު ޓީމު އޮތް ހާލަތުން އަރައިގަންނަން ކުރަން އޮތް މަސައްކަތް ވަރަށް ބައިވަރު އެބަހުރި ކަމަށެވެ.

ރަށުން ބޭރުގައި އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް ކުޅެން ހަމަޖެހިފައިވަނީ ވުލްވްސްއާއި ދެކޮޅަށެވެ.

ޖޫން މަހު ހުޅުވާލެވޭ ޓްރާންސްފާ މާކެޓްގައި އާސެނަލް އިން ވިއްކާލަން ހަމަޖެހިފައިވަނީ ކީޕަރު ޑޭވިޑް އޮސްޕީނާ، ޝްކޮޑްރާން މުސްތާފީ، ހެންރިކް މިކިޓާރިއަން، މެސުޓް އޮޒިލް، ކަލަމް ޗެމްބާސް، ކާލް ޖެންކިންސަން، މުހައްމަދު އެލްނެނީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަރުމަނުގެ ޑިފެންޑާރ މުސްތާފީ އަށް ވަނީ ފަހަކަށް އައިސް ގިނަ ފާޑު ކިޔުންތަށް ކުރިމަތިވެފައެވެ. މުސްތާފީ ގަނެފައިވަނީ 35 މިލިއަން ޕައުންޑަށެވެ. އަންނަ ސީޒަންގައި އޭނާ ޖާމަން ބަންޑަސްލީގާއިން ފެނިދާނެ ކަމަށް އޭނާގެ އޭޖެންޓް ވަނީ މީޑިއާގައި ބުނެފައެވެ.

ކްލަބުން އުއްމީދު ކުރާވަރުގެ ކުޅުމެއް ނުދެއްކޭތީ އެ ކްލަބުން ވަނީ އޮޒިލް އާއި މިކިޓާރިއަން ވިއްކާލަން ބޭނުންވެފައެވެ.

މި ދެ ކުޅުންތެރިންނަކީ ވެސް ކްލަބުގައި ބޮޑު މުސާރައެއް ހިނގާ ދެ ކުޅުންތެރިންކަން ފާހަގަ ކޮށްލެވެއެވެ. ފަހަކަށް އައިސް މި ދެކުޅުންތެރިންނަށް ވަނީ ފުރަތަމަ އެގާރައިން ޖާގަ ކަށަވަރު ނުވެފައެވެ. މި ދެކުޅުންތެރިންނާއި މެދު ގޮތެއް ނިންމާނީ ސީޒަނަށް ފަހުގައި ކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ. އޮޒިލް އަށް ހަފްތާ އަކު 350،000 ޕައުންޑް ލިބޭއިރު، މިކިތާރްޔަން އަށް ހަފްތާ އަކު 180،000 ޕައުންޑް ލިބެއެވެ.

ކީޕަރު ޕެޓް ޗެކް އާރޮން ރަމްޒޭ ވަނީ މި ފަހަރު ރިޓަޔާ ކުރަން ނިންމާފައި ކަމަށް ވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ.