ރޭ ޑިޕޯޓިވޯ އަލަވޭޒް ކުޅުނު މެޗު ބާސެލޯނާއިން، 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި، ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ހޯދުމާ ކައިރިއަށް ޖެހިލައިފިއެވެ.

އެތުލެޓިކޯ މެޑްރިޑަށްވުރެ 12 ޕޮއިންޓް ކުރީގައި އޮތް ބާސާ، އެންމެފަހުން ކުޅުނު 22 މެޗުންވެސް ބަލިވެފައެއް ނުވެއެވެ. މިރޭ އެތުލެޓިކޯ ކުޅޭ މެޗުން އެޓީމު ބަލިވެއްޖެ ނަމަވެސް، ބާސާއަށް ލީގު ޔަގީންވާނެއެވެ.

ރޭގެ މެޗުން ބާސެލޯނާ މޮޅުވެފައި ވަނީ އަލަވޭޒްގެ މެންޑިޒޯރާޒޯ ސްޓޭޑިއަމްގައި ކުޅެގެންނެވެ. ފަހަތުން ވަރުގަދައަށް ޑިފެންސް ކޮށްގެން ކުޅެމުން ދިޔަ އަލަވޭޒްގެ ޑިފެންސް ފޫއަޅުވާލަން ބާސާގެ ކުޅުންތެރިންނަށް ފުރަތަމަ ހާފުގައި އުނދަގޫވެގެން ދިޔައެވެ.

ދެވަނަ ހާފްގައި ބާސާއިން ނަތީޖާ ނެރުނެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކޮއްދީފައިވަނީ ޓީމްގެ މެދުތެރެއަށް ކުޅެމުން އަންނަ ޒުވާން ކާލޭސް އަލެނާއެވެ. އަލެނާ ގޯލް ޖަހާފައިވަނީ ސާޖިއޯ ރޮބާޓޯ ތަނަވަސް ކޮށްދިން އެސިސްޓަކުންނެވެ. ރޭގެ މެޗްގައި ބާސާ ދެވަނަ ގޯލް ކާމިޔާބު ކޮއްދީފައިވަނީ ލިބުނު ޕެނެލްޓީއަކުން 60 ވަނަ މިނަޓްގައި ލުއިސް ސުއަރޭޒްއެވެ.

61 ވަނަ މިނަޓްގައި ބާސެލޯނާއިން ދަނޑުމައްޗަށް މެސީ ނެރުނީ އުސްމާން ޑެމްބެލޭގެ ބަދަލުގައެވެ. އަލަވޭޒްގެ ކީޕަރު ވަނީ މެސީ ފޮނުވި ނުރައްކާތެރި ހަމަލާތަކެއްވެސް ދިފާއުކޮއްފައެވެ.

ދެން ބާސެލޯނާ ކުޅޭ މެޗް އޮތީ ހޮނިހިރު ދުވަހު ލެވަންޓޭއާއި ދެކޮޅަށެވެ. މި މެޗުން މޮޅުވެގެންވެސް ލީގެ ޗެމްޕިއަންކަން ބާސެލޯނާއަށް ޔަގީން ކުރެވޭނެއެވެ.