"ޓުވާޑް ފިއުޗާ" ބެނާގެ ދަށުން އެފްއޭއެމްއިން ކުރިއަށްދާ ހާއްސަ ޕްރޮޖެކްޓަށް އިއްޔެ އަނެއްކާވެސް މުހިއްމު ބޮޅެއް އިތުރު ވެއްޖެއެވެ. ގައުމީ ލެވެލްގައި ފާހަގަކޮށްލެވޭ ދެ ކޯޗުން، އެފްއޭއެމްގެ ހާއްސަ ޕްރޮޖެކްޓާ ގުޅުމާއެކު އެތައް ބައެއްގެ އުންމީދު އާވެއްޖެއެވެ. އަބަދުވެސް ސަޕޯޓަރުން ބުނާ "ފުޓުބޯޅައިގެ މީހުން ލައިގެން ފުޓުބޯޅަ ރަނގަޅު ކުރަން،" އުޅޭ ކަމުގެ ފެހި ސިގްނަލެއް އެފްއޭއެމްއިން ދީފިއެވެ.

ކުޅުންތެރިން ތެރިއެއްގެ ގޮތުގައިވެސް އެއްވަނައެވެ. އުފެއްދުމާއި ތަމްރީނު ކުރުމުގައި ދިވެހި ގައުމު ދުތް އެންމެ މޮޅު އެއް ޓްރެއިނަރެވެ. ގައުމީ ދަނޑަށް އެންމެ ގިނަ ކުޅުންތެރިންތަކެއްވެސް ގެނެސްދިން އިސްމާއީލް އާސިފް (ކުޑަހީނާ)، އެފްއޭއެމްގެ ޓީމާ ގުޅުމާއެކު އާ ކަންތައްތަކެއް ފެންނާނެ ކަމަށް ބެލެވިއްޖެއެވެ. ހަމައެއާއެކު ރާއްޖޭގެ ގޯލްކީޕަރުންނަށް އޮތް ކުރިމަގު އަބަދުވެސް ދައްކައިދެމުންދާ އަސްލަމް އަބްދުރަހީމްވެސް އިއްޔެ ވަނީ އެފްއޭއެމްގެ ޓީމާ ގުޅިފައެވެ.

އިއްޔެ ބޭއްވިި ރަސްމިއްޔާތުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

"ދިވެހި ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަރަށް އުންމީދީ ދެ ފަރާތެއް އަޅުގަނޑުމެންގެ ޓީމާ މި ގުޅިގެން ދަނީ. އަޅުގަނޑުމެންގެ ކުރީގެ ދެ ތަރިން، ފުޓުބޯޅަ އެންމެ އުސް ހަރުފަތުގައި ކުޅެފައި ތިބި ދެތަރިން، މި ޓީމާ ގުޅެނީ. އަސްލަމްގެ މައިގަނޑު މަސައްކަތަކަށްވާނީ ގޯލްކީޕަރު އެކަޑެމީގެ މަސައްކަތައް ކުރިއަށް ގެންދިޔުން. ހަމައެއާއެކީގައި އަޅުގަނޑުމެން ކުރިމަގަށް ކުރާ މަސައްކަތުގައި ގޯލްކީޕަރުންތައް އުފެއްދުމުގެ މަސައްކަތް އަސްލަމްގެ މަސައްކަތަކަށް ވެގެންދާނީ. ހަމައެއާއެކު ގޯލްކީޕަރު ޓްރެއިނަރުން އުފެއްދުމުގެވެސް މަސައްކަތް. އަޅުގަނޑަކަށް ހީއެއް ނުވޭ މި ދެބޭފުޅުންގެ ކޯޗުކަން ކޮށްދިނުމާ ދެބޭފުޅުންގެ މަސައްކަތުގެ ވާހަކަ އަޅުގަނޑު ކޮންމެހެން ދައްކަން ޖެހޭނެ ހެނެއް. އެއީ އެންމެނަށްވެސް ތަޖުރިބާ ކުރެވިފައިވާނެ ކަމެއް. މިއީ ދިވެހި ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް،" އިއްޔެގެ ޕްރެސްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ފާހަގަކުރެއްވިއެވެ.

އެ ވާހަކަތަކުގެ ތެރެއިން ކުޑަހީނާގެ މަސްއޫލިއްޔަތު ބައްސާމް ވިދާޅުވެ ދެއްވިއެވެ. އެއީ 13 އަހަރުން ދަށުގެ "އެލީޓް ގައުމީ ޓީމެއް،" މުޅި ރާއްޖެއިން ބިނާކުރުމެވެ. ގައުމުގެ ފުޓުބޯޅައިގެ މުސްތަގުބަލު، ކުޑަހީނާގެ އަތްމައްޗަށް ދޫކޮށްލުމުގެ ބޮޑު ޒިންމާއެވެ. އެކަމަކު އެންމެގެވެސް ފުރިހަމަ އިތުބާރު އެކަމުގައި ކުޑަހީނާއަށް އެބައޮތެވެ.

"ޓީމު އިތުރަށް ވަރުގަދަ ވެގެން މިދިޔައީ. ހާއްސަކޮށް ކުޑަ ހީނާއާ އަސްލަމް ގުޅުމަކީ ޓެކްނިކަލް ޑިޕާޓްމަންޓްވެސް ރަނގަޅު ވެގެން ދިޔަ ކަމެއް. ކުރިއަށް ގެންދަން ހުރި ކަންކަން ފަސޭހަވެގެން ދިޔަ ކަމެއް މިއީ. ކުޑަ ހީނާއަކީ އަޅުގަނޑުމެން މުސްތަގު ބަލަށް ބިނާ ކުރާ 13 އަހަރުން ދަށުގެ ޕޫލެއް، ގައުމީ ޓީމެއް ބިނާ ކުރުމުގެ މަސައްކަތް. އޭގެ ތެރޭގައި 60 ކުދިން މި ގެންގުޅެނީ. ނިމިގެން ދިޔަ އިންޓަ ސްކޫލް މުބާރާތުންވެސް އަޅުގަނޑުމެން ނެގިން 33 ކުޅުންތެރިން. އޭގެ އިތުރުން ކުޑަހީނާގެ ބެލުމުގެ ދަށުން، މާލޭގެ އިތުރުން އަތޮޅު ތެރޭގެ އެކަޑެމީތަކުންވެސް ކުޅުންތެރިން ބަލާ، ފެންވަރު ހުރި ކުޅުންތެރިން ގެނެސްގެން ކުރިއަށްދާނީ،" ކުޑަހީނާ ކުރާނެ މުހިއްމު މަސައްކަތްތަކާ ގުޅޭގޮތުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓާ އިހުސާން އަބްދުލްޣަނީ (ސާންތި) ވިދާޅުވިއެވެ.

އިއްޔެ ބޭއްވިި ރަސްމިއްޔާތުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ކުޑަހީނާގެ މަސައްކަތަކީ އެޓީމު ދެ އަހަރު ތެރޭ ފައްކާ ކުރުމެވެ. އޭއެފްސީ އަންޑާ 16 މުބާރާތް 2021 ވަނަ އަހަރު ކުޅުމުގެ އިތުރުން ސަރަހައްދީ މުބާރާތްތަަކަށްވެސް ގޮސް، ވާދަކުރެވޭނެ ޓީމެއް އުފެއްދުމެވެ.

"ކުޑަ ހީނާ ހަވާލު މިކުރަނީ ވަރަށް ހާއްސަ ޕްރޮޖެކްޓެއް. ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެއް އެ މަސައްކަތަކީ. 13 އަހަރުން ދަށުގެ ގައުމީ ޓީމެއް އުފެއްދުމުގެ މަސައްކަތް. ދެ ޕޫލަކަށް ބަހާލައިގެން ޖުމްލަ 60 އަކަށް ކުޅުންތެރިން، ދެ އަހަރު ތެރޭގައި އޭއެފްސީ އަންޑާ 16 މުބާރާތަށް ކޮލިފައިވުމަށް މަސައްކަތް ކުރުމަށް ކުޑަ ހީނާ މަސައްކަތް ކުރަމުންދާނީ،" ބައްސާމް ވިދާޅުވިއެވެ.

އިއްޔެ ބޭއްވިި ރަސްމިއްޔާތުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

އެފްއޭއެމްގެ ފަރާތުން ކުޑަހީނާ ބޭނުންވާ ގޮތަށް ޕްރޮޖެކްޓް ފަހިކޮށްދޭނެ ކަމަށް ވައުދުވެފައިވެއެވެ. ކޮންމެއަކަސް އެތަކެއް ދިވެހި ސަޕޯޓަރުންނެއް ދެކެން ބޭނުންވާ މުހިއްމު މަސައްކަތެކެވެ. މުސްތަގުބަލު އުޖާލާ ކޮށްދޭނެ ފަދަ ކޯޗަކަށް އެފުރުސަތު ދިނުން ވެގެން ދިޔައީ ބޮޑު އުންމީދަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޖްވާ

    މި ބައްސާމު އަދީލު ޖަލީލަކީ އަނދީބު ގެ އެއް އަތް! މާނަ އަކީ އެފްޢޭމްގާ އެ ހިނގަނީ އަދީބު ގެ ބާރޭ އަދިވެސް! ކުޑަ ހީނާ މެން ނުޖެހޭދޯ ބައްސާމު ލޮއްސައިގެން އުޅޭ ކަށެއް!

    1
    1
  2. ސަހަރޯ

    ކުޑަހީނާއެވެ... ތަންކޮޅެއް ޒަމާނަށް ފިޓް މީހަކަށް ވެވޭތޯ ބަލާށެވެ. ( ބޮލާ، ތުނބުޅުމަތިމަސް އައި ފުނާ އަޅާ ގޮތް ) ހަމަ ސުމެއް. ފޫހި ވަރަށްފޫހި، ވަރަށް ކަޓް، އެއްގޮތަކަށްވެސް ޒަމާނަށް ހޭލުންތެރިއެއް ނޫން.