އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ވުލްވްސް ވާދަކުރި މެޗު، ވުލްވްސްއިން ކާމިޔާބު ކޮށްފިއެވެ.

ރޭ ވުލްވްސް ދަނޑުގައި ކުޅުނު މެޗު 3-1ގެ ނަތީޖާއަކުން ވުލްވްސް ކާމިޔާބު ކުރި އިރު، ހަތަރު ވަނައަށް އެރުމަށް އާސެނަލްއަށް ލިބުނު ފަހި ފުރުސަތު އެޓީމުން ވަނީ ނަގާލާފައެވެ.

ތިންވަނައިގައި އޮތް ޓޮޓެންހަމްއިން މި ހަފްތާއިން ކުޅުނު މެޗުން ބަލިވި އިރު، ޗެލްސީން ކުޅުނު މެޗުން އެޓީމަށް ލިބުނީ ޕޮއިންޓެކެވެ. އެ ނަތީޖާއާއެކު އާސެނަލް މިރޭ މޮޅުވި ނަމަ، ޗެލްސީގެ މައްޗަށް ދެ ޕޮއިންްޓްގެ ލީޑެއް ހޯދާ އެޓީމަށް ގަދަ ހަރަކަށް އެރެވުނީހެވެ. ލީގުގައި ބާކީ އޮތީވެސް އެންމެ ތިން މެޗެވެ.

ރޭ މެޗުގެ ފުރަތަމަ ހާފްގައި އާސެނަލްގެ އުންމީދުތައް ފެނަށް ދުއްވާލައިފިއެވެ. ވުލްވްސްއިން ވަނީ ފުރަތަމަ ހާފްގައި އާސެނަލް ކޮޅަށް ތިން ގޯލް ޖަހައިފައެވެ. ރޫބެން ނަވާޒްގެ ހިތްގައިމު ހިލޭ ޖެހުމާއެކު ވުލްވްސްއިން ލީޑު ނެގި އިރު، ޑޮހަޓީގެ ގޯލާއެކު ވުލްވްސްއިން ލީޑު ފުޅާކުރިއެވެ. ހާފް ނިމުމުގެ ކުރިން ޖޮޓާގެ ގޯލާއެކު ވުލްވްސްއިން ތިންވަަނަ ގޯލެއްވެސް ޖެހިއެވެ.

އާސެނަލްއިން ދެވަނަ ހާފްގައި ނަތީޖާ އަނބުރާލަން މަސައްކަތް ކުރި ނަމަވެސް، އެޓީމަށް މާބޮޑު ނަތީޖާއެއް ނުނެރެވުނެވެ. ޕަޕަސްޓަޕޮލޮސްގެ ގޯލާއެކު އާސެނަލްއަށް އުންމީދެއް ލިބުނު ނަމަވެސް، އެޓީމުން މެޗު ނިންމާލީ މާޔޫސް ކަމާއެކުގައެވެ.

ވުލްވްސްއިން ތަފާތު މޮޅުކޮށް މި ސީޒަނުގައި ކުޅެމުންދާ އިރު، ރޭގެ މެޗުން މޮޅުވުމާއެކު ވުލްވްސްއިން ވަނީ 10 ވަނައިން ހަތްވަނައަށް ޖެހިލާފައެވެ.