ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ ހިދުމަތްތެރިޔާ އަދި އެންމެ ފުރަތަމަ އެކުލަވާލި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ ހ. ޔެލޯރޯސް އަލީ ޝަރީފް ރޭ އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 66 އަހަރުގައި އޭނާ އަވަހާރަވީ ގިނަ ދުވަސްވީ އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހުއެވެ.

އަލީ ޝަރީފަކީ ބާސްކެޓްބޯޅަ އާއި ހޮކީގައިވެސް ފާހަގަކޮށްލެވުނ ތަރިއެކެވެ. ރޭޑިއަންޓް ކްލަބުން ރާއްޖޭގެ ބާސްކެޓްގައި ވިދާލި އިރު، އޭނާ މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. ނަތީޖާއަކަށްވީ ރިޔޫނިއަންގައި 1979 ވަނަ އަހަރު ބޭއްވި ފުރަތަމަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރުމަށް އެކުލަވާލި ގައުމީ ބާސްކެޓްބޯޅަ ޓީމުން ފުރުސަތު ލިބިވަޑައިގަތުމެވެ.

ރޭޑިއަންޓް އުވި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަން 1979 ވަނަ އަހަރު އުފެދުމާ އެކު އެ ކްލަބާ ގުޅިވަޑައިގެން ގައުމީ ފެންވަރުގައި ހޮކީ ކުޅުއްވި އެވެ. ފަހުން އުޅުއްވީ ހިންގުމުގެ ތެރޭގަ އެވެ. އެ ކްލަބުގެ ހަޒާންދާރުގެ މަގާމް ގިނަ ދުވަސްތަކެއްގައި ފުރުއްވި އެވެ.

ނިއު ރޭޑިއަންޓުން 2005 ވަނަ އަހަރު އޭއެފްސީ ކަޕުގެ ސެމީ ފައިނަލް ކުޅުނު އިރު، އަލީ ޝަރީފަކީ ކްލަބުގެ އެންމެ ސީނިއާ އެއް އޮފިޝަލެވެ. އަލީ ޝަރީފުގެ ދަރިފުޅު އައްބާސް ޝަރީފަކީ ނިއުގެ ބޯޑު މެމްބަރުކަން މިދިޔަ ސީޒަންގައިވެސް ކުރެއްވި ބޭފުޅެކެވެ.