ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގަައި ޕީއެސްޖީއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި، ޔުނައިޓެޑަށް ދިން ޕެނެލްޓީއަކާ ގުޅިގެން އިންސްޓާގްރާމްގައި ރެފްރީއަށް ފާޑު ކިޔާފައިވާ މައްސަލައިގައި ބްރެޒިލްގެ ނޭމާ ސަސްޕެންޑް ކޮށްފިއެވެ.

ޔޫއެފާއިން ނޭމާ ސަސްޕެންޑް ކޮށްފައި ވަނީ ޔޫރަޕްގެ ތިން މެޗަކަށެވެ. އެ ތިން މެޗުގެ ސަސްޕެންޝަނާއެކު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރު ނޭމާއަށް ގެއްލޭނެއެވެ.

ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ ކުޅެފައި ނުވާ އިރު، އެ މެޗަށްފަހު ނޭމާ ވަނީ ދަނޑަށް އަރާ ރެފްރީއާ ދިމާކުރަންވެސް މަސައްކަތް ކޮށްފައެވެ. އަދި އެވަރުން ނުވެގެން އިންސްޓާގްރާމްގައި ވަރަށް ބޮޑަށް ރެފްރީއަށް ފާޑުކިޔާފައިވެއެވެ. ހަޑިހުތުރު ބަހުންވެސް ނޭމާ ރެފްރީއާ މުހާތަބު ކޮށްފައިވާ އިރު، އޭނާ ބުނެފައި ވަނީ ވީއޭއާރާ އެހެން ހުރިހާ އެއްޗެއްގެ އެހީގައިވެސް ރެފްރީއަށް ގޮތް ނިންމަން ނޭނގުމަކީ ބޮޑު ލަދެއް ކަމަށެވެ.

އެ މެޗުގައި ޕީއެސްޖީ ޑިފެންޑަރު ކިމްޕެންބޭގެ އަތުގައި، އޭރިއާ ތެރެއިން ބޯޅަ ޖެހުމުން، އެ ނިންމުން ޕެނެލްޓީއަކަށް ނިންމަން ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދާފައެވެ. އެ މެޗުން ބަލިވެ، ޔުނައިޓެޑުން ޕީއެސްޖީ ކަޓުވާލި އިރު، ޔުނައިޓެޑުން ކުއާޓާއިން ކެޓީ، ބާސެލޯނާ އަތުން ބަލިވެގެންނެވެ.