ރޭ ލެވާންޓާއާ ދެކޮޅަށް ކުޅުނު މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބާސެލޯނާއިން 26 ވަނަ ފަހަރަށް ލަލީގާ ކާމިޔާބު ކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗށް ނުކުތް އިރު، ލީގު ޔަގީން ކުރުމަށް ބާސާއަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. ލިވަޕޫލާ ދެކޮޅަށް ހަފްތާ ތެރޭގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ނުކުންނަން ޖެހޭ އިރު، ބާސާއިން ރޭގެ މެޗު ފެށީ މުހިއްމު ބައެއް ކުޅުންތެރިންވެސް ނުލައެވެ.

އޭގެ ތެރޭގައި އާޖެންޓީނާގެ ތަރި، އަދި ކެޕްޓަން ލިއޮނަލް މެސީވެސް ހިމެނެއެވެ. ބާސާއިން ފުރަތަމަ 0-0ގައި ނިންމާލި ނަމަވެސް، ދެވަނަ ހާފްގައި ނަތީޖާ އަނބުރާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މެސީއެވެ. ވިޑާލްގެ ބޯޅަ ހޯދުމަށްފަ، ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން މެސީ ވަނީ ދެ ޑިފެންޑަރުން ކައިރިން ނައްޓާލާފައެވެ.

މުޅި ދުނިޔޭގެވެސް އެންމެ ކާމިޔާބު ކްލަބު ބާސާއިން 26 ވަނަ ފަހަރަށް ލީގު ނަގާފައިވާ އިރު، އެޓީމުން މިސްރާބު ޖަހާފައި ވަނީ ރެއާލް މެޑްރިޑްގެ ރެކޯޑު މުގުރާލުމަށެވެ. އެޓީމުން ވަނީ ރެކޯޑު 33 ފަހަރު ލީގު ކާމިޔާބު ކޮށްފައެވެ.

ބާސާއަށް ޗެމްޕިއަންސް ލީގުގެ ފުރުސަތުވެސް އޮތް އިރު، ރޭގެ ތަށްޓާއެކު މެސީއަށްވެސް ވަނީ ހާއްސަ ޝަރަފެއް ލިބިފައެވެ. މެސީ ވެފައި ވަނީ 10 ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ.