ފަރިތަކުރުންތަކުގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ، ޕޯޓޯގެ ގޯލްކީޕަރު އީކާ ކަސިލަސް، އަނބުރާ ދަނޑު މައްޗަށް ނާންނަން އޭނާ ނިންމާފައިވާ ކަމަށް މަރްކާއިން ބުނެފިއެވެ.

ކުޅިވަރު ހަބަރުތަކުގައި އިތުބާރު ހިފޭ ނޫހެއް ކަމަށް މަރުކާއިން ބުނެފައި ވަނީ އެގޮތަށް އެކަން ނިންމިކަން ރަސްމީކޮށް ކަސިލަސް އިއުލާން ނުކުރި ނަމަވެސް، އެކަން އެގޮތަށް ނިންމާފައިވާ ކަމަށެވެ.

ސްޕެއިންއާއެކު ވޯލްޑް ކަޕްގެ އިތުރުން ދެފަހަށް ޔޫރޯވެސް ހޯދާފައިވާ ކަސިލަސްއަކީ ދުނިޔެ ދުތް އެންމެ ކާމިޔާބު އެއް ގޯލްކީޕަރެވެ. އޭނާ ވަނީ ކްލަބު ލެވެލްގައިވެސް ހުރިހާ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ރެއާލް މެޑްރިޑާއެކު އެތައް ދުވަހެއް ހޭދަކޮށް، އޭނާ ވަނީ ކްލަބުގެ ރަން ތާރީހުން ޖާގަ ހޯދާފައެވެ. ރެއާލްގެ ކެޕްޓަން ކަންވެސް އެތައް ދުވަހެއް ވަންދެން ކުރި ކަސިލަސްއަކީ ރެއާލްއިން ކެރިއަރު ފެށި ކުޅުންތެރިއެކެވެ.

ކަސިލަސްގެ އެޖެންޓް ބުނެފައި ވަނީ މިވަގުތު ބޮޑަށް ވިސްނުން ހުރީ ކުރިމަގަސް ކަމެއް ނިންމުމަށް ނޫން ކަމަށާއި، ބޮޑަށް ވިސްނުން ހުރީ ކަސިލަސްގެ ހާލަތު ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށެވެ. ފޭސްބުކާއި އިންސްޓާގްރާމްގައިވެސް ކަސިލަސް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާއަށް ދިމާވީ އުނދަގޫ އަދި ބިރުވެރި ހާލަތެއް ނަމަވެސް، މިހާރު ހުރިހާ ކަމެއްވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.