ސްވިޑެންގެ ތަރި ޒްލަޓާން އިބްރަހިމޮވިޗް އެންމެ ފަހުން އިނގިރޭސިވިލާތުގައި އޭނާ ހޭދަކުރަމުންދިޔަ ދުވަސްތަކަށާއި އޭނާގެ ކުލަބު މެންޗެސްޓާރ ޔުނައިޓެޑަށް އަލްވަދާއު ކިޔައި އެމެރިކާގެ އެމް.އެލް.އެސް އަށް ބަދަލުވުމަށް ނިންމައިފިކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެއެވެ.

އިބްރަހިމޮވިޗް އެމެރިކާގެ އެމް.އެލް.އެލް.އެސްގައި ކުޅޭނީ އެލް.އޭ ގެލެކްސީއަށްކަން ވަރަށް ބޮޑަށް ޔަގީންވެފައިވާއިރު މެންޗެސްޓާރ ޔުނައިޓެޑުން ވަނީ އިބްރަހިމޮވިޗްގެ ކޮންޓްރެކްޓް ވަގުތުން ވަގުތަށް ބާތިލުކޮށްފައިވާކަމަށް ބުނެފައެވެ.

މެންޗެސްޓާރ ޔުނައިޓެޑުން ކޮންޓްރެކްޓް ބާތިލުކުރުމާއިއެކު އިބްރަހިމޮވިޗް ވެގެންދާނީ ފްރީ އެޖެންޓްއަކަށެވެ. އަދި އެއްވެސް ޓްރާންސްފާރ ފީއަކާއި ނުލައި އޭނާ ބޭނުންވާ ކުލަބަކަށް އޭނާއަށް ސޮއިކުރެވިދާނެއެވެ. އިބްރަހިމޮވިޗް އަކީ ބާސެލޯނާ، އިންޓާރ އަދި އޭސީ މިލާން، ޔުވެންޓަސް އަދި ޕީއެސްޖީއަށް ވެސް ކުޅެދީފައިވާ ދުނިޔޭގެ އެންމެ ނަން މަޝްހޫރު އަދި ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. އުމުރުން 36 އަހަރުގެ އިބްރަހިމޮވިޗް އެލް.އޭ ގެލެކްސީއަށް ބަދަލުވާން ނިންމައިފައިވަނީ 1.5 މިލިއަން ޑޮލަރުގެ މުސާރައެއް ކޮންމެ ސީޒަނަކުވެސް ލިބޭ ގޮތަށެވެ.

އިބްރަހިމޮވިޗްއަށް ޔުނައިޓެޑުން ވަނީ އޭނާގެ މަސައްކަތަށް ޝުކުރު އަދާކޮށް ކުލަބުގެ އެންމެންގެ ފަރާތުންވެސް ހެޔޮ އެދުންތައް އަރިސްކޮށް މެސެޖެއް ފޮނުވައިފައެވެ. އިބްރަހިމޮވިޗްވެސް ވަނީ ހުރިހާ ރަނގަޅު ކަމަކަށްވެސް ނިމުމެއް އަންނަ ފަދައިން އޭނާ ޔުނައިޓެޑުގައި ހޭދަކުރި ވަގުތަށްވެސް ނިމުމެއް އައިސްފައިވާކަމަށާއި އަދި އެކުލަބުގައި އޭނާ ހޭދަކުރި އުފާވެރި ދުވަސްތަކަށް ޔުނައިޓެޑުގެ ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކޮށްފައެވެ. ދެން އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ އުމުރުން 36 އަހަރުގެ އިބްރަހިމޮވިޗް ފުޓުބޯޅައިގެ ދުނިޔެއަށް މުޅިން އަލްވަދާއުކިޔައި ރިޓަޔާރކުރާނީ ކޮން ދުވަހަކުންބާއެވެ؟