އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ހަޑަލްސްފީލްޑާ ދެކޮޅަށް ކުޅެ، މެންޗެސްޓާ ޔުނައިޓެޑުން އެއްވަރުވުމުން، އެޓީމަށް ގަދަ ހަތަރެއްގެ މަގާމު ގެއްލިއްޖެއެވެ.

ރެލިގޭޓް ވެފައި އޮތް ހަޑަލްސްފީލްޑާ ދެކޮޅަށް ޔުނައިޓެޑުން މިރޭ ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވި އިރު، އެ މެޗަކީ ގަދަ ހަތަރަކަށް ޔުނައިޓެޑަށް ކޮންމެހެންވެސް މޮޅުވާން ޖެހިފައި އޮތް މެޗެކެވެ. ތަށްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުމުގެ އިތުރުން ޔުނައިޓެޑަށް މިރޭ ކުރިމަތިވި އަނެއް މާޔޫސް ކަމަކީ އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގު ނުކުޅެވޭނެކަން ޔަގީން ވުމެވެ.

އެންމެފަހުން ޔުނައިޓެޑުން ކުޅުނު ފަސް މެޗުންވެސް އެޓީމު މޮޅުވެފައި ނުވާ އިރު، އެއީ 2015 ވަނަ އަހަރު ޑިސެންބަރު މަހަށްފަހު އެޓީމުން ލީގުގައި ނެރުނު އެންމެ ދަށް ނަތީޖާތަކެވެ. ވެންހާލް ކޯޗު ކަމުގެ ދަށުގައި 2015 ވަނަ އަހަރު ޔުނައިޓެޑް ވަނީ މޮޅުނުވެ އަށް މެޗު ކުޅެން ޖެހިފައެވެ.

ހޯޒޭ މޮރީނިއޯއާއެކު ޔުނައިޓެޑުން ސީޒަން ފެށި އިރު، ސީޒަންގެ މެދުތެރެއިން އޭނާ ފޮނުވާލީ ނަތީޖާތައް ދަށްވުމުންނެވެ. ކްލަބު ލެޖެންޑް އޮލިގުނަ ސޮލްސްޖާ ހަވާލުވުމާއެކު ޔުނައިޓެޑަށް އުންމީދު އާވިއެވެ. ފުރަތަމަ މެޗުތަކުން މޮޅުވެ ރެކޯޑުވެސް ހެދި އިރު، ލީގުގެ ގަދަ ހަތަރަކަށް އެޓީމު ޖެހިލިއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޕީއެސްޖީ ކަޓުވާލާ، ކުއާޓާއަށް ދިޔަ އިރު، ބާސާ އަތުން ކުއާޓާގައި ބަލިވެ، ލީގުގައިވެސް ފޯމު ގެއްލުނެވެ.

އޭގެ ފަހުން ޔުނައިޓެޑަށް ދަށް ނަތީޖާ ތަކެއް ނެރެވުނު އިރު، މިރޭގެ މެޗަކީ އެޓީމަށް އޮތް އެންމެ ފަހު ފުރުސަތެވެ. މެކް ޓޮމެނީ ކުރީކޮޅުގައި ޖެހި ގޯލާއެކު ޔުނައިޓެޑް މޮޅުވާނެ ކަމަށް ބެލެވުނެވެ. ޕޮގްބާގެ ހަމަލާ ދަނޑިއަށް އަމާޒުވި އިރު، އަނެއްކޮޅުން ކާލަންގެ ހަމަލާ މަތަކުރީ ޑެހެއާއެވެ. ޔުނައިޓެޑުން ގަދަ ހަތަރަކަށް ކުރަމުން އައި އުންމީދު ފެނަށް ދުއްވާލީ 60 ވަނަ މިނެޓުގައި އެމްބީޒާ ޖެހި ގޯލުންނެވެ.