އިނގިރޭސި ޕްރިމިއާ ލީގު ނިމުމަކާ ގާތްވެފައިވާ އިރު، ދެން އޮންނާނީ ކޮންމެ ޓީމަކަށްވެސް އެންމެ މެޗެކެވެ. ރޭގެ މެޗުތަކުގައި ގަދަ ހަތަރެއްގެ ޖާގަތަކަށް ޓީމުތަކުން ވާދަކުރި އިރު، މެންޗެސްޓާ ޔުނައިޓެޑަށް ވަނީ ގަދަ ހަތަރެއް ގެއްލޭނެކަން ޔަގީން ވެފައެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 3-0އިން ކާމިޔާބުކުރި އިރު، އެޓީމަށް ގަދަ ހަތަރެއް ޔަގީންވާ އޮތީ އާސެނަލްގެ މެޗަށް ބެލުމަށްފަހުގައެވެ. އާސެނަލްއިން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު 1-1އިން އެއްވަރުވެފައިވާ އިރު، ޗެލްސީއަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ޔަގީން ވެގެންދިޔައެވެ.

ޗެލްސީ މެޗުގެ ފުރަތަމަ ހާފްގައި އެޓީމުގެ މާ ބޮޑު ނުރައްކަލެއް ފެނިފައި ނުވާ އިރު، ޗެލްސީން ދެވަނަ ހާފްގެ ކުރީކޮޅުގައި ދެ ގޯލް ޖެހިއެވެ. ލުއިޒްއާއި ލޮފްޓަސްޗީކު، ކައިކައިރި ކައިރީގައި ދެ ގޯލް ޖެހި އިރު، އެ ދެ ގޯލްވެސް ތަނަވަސް ކުރުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ޗެލްސީގެ ތަރި، އެޑެން ހަޒާޑެވެ.

ހަޒާޑް ރެއާލްއަށް ބަދަލުވާން އުޅޭކަމުގެ ގިނަ ވާހަކަތަކެއް ދެކެވެމުންދާ އިރު، ރޭގެ މެޗަކީ ރެއާލްއަށް ދިޔުމުގެ ކުރިން އޭނާ ޗެލްސީގެ ދަނޑުގައި ކުޅޭ އެންމެ ފަހު މެޗު ކަމަށްވެސް ވުން ގާތެވެ. ޕެޑްރޯގެ ހުރަހަކުން ޗެލްސީގެ ތިންވަނަ ގޯލް ހުގުއައިން ކާމިޔާބު ކޮށްދިން އިރު، އާސެނަލް މެޗުގައި، އަބަމަޔާންގެ ޕެނެލްޓީން އެޓީމު ލީޑު ނަގައިފައި ވަނިކޮށް، ދެވަނަ ހާފްގައި ބްރައިޓަންގެ ގޯލް ޖެހީ މުރޭއެވެ. އެ ގޯލަކީވެސް ޕެނެލްޓީއެކެވެ.