ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގުގައި ލިވަޕޫލުން ބާސެލޯނާއާ ދެކޮޅަށް މި ހަފްތާ ނުކުންނަ އިރު، އެ މެޗުގައި ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް އަދި ފޯވަޑް ރޮބާޓް ފިރްމީނޯއަށްވެސް ނުކުޅެވޭނެ ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

އެ ދެކުޅުންތެރިންނަށްވެސް އަނިޔާގެ ސަބަބުން ބާސާއާ ދެކޮޅަށް ނުކުޅެވޭ އިރު، ފުރަތަމަ ލެގުގައި ލިވަޕޫލް އޮތީ 3-0ގެ ނަތީޖާއަކުން ބަލިވެފައެވެ. ފުރަތަމަ ލެގުގައިވެސް ފިރްމީނޯ ފަށާފައިނުވާ އިރު، އޭރުވެސް އޭނާ ހުރީ އަނިޔާގައެވެ. އަދި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު ލީގު މެޗުގައިވެސް ފިރްމީނޯ ކުޅެފައެއް ނުވެއެވެ. ލީގު މެޗުގައި ނިއުކާސަލް ގޯލްކީޕަރު ޑެބްރަވާކާގެ ގައިގައި ޖެހުމުން، ސަލާހްގެ ބޮލަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާ އިރު، އޭނާ ފިޓް ނުވާނެ ކަމަށް ކޯޗު ކްލޮޕް ބުނެފައިވެއެވެ.

"ދުނިޔޭގައި ތިބި އެންމެ މޮޅު ދެ ފޯވަޑުންނާ ނުލާ، މި ނުކުންނަން ޖެހެނީ ހަތަރު ގޯލް ޖަހަން. އެއީ އެއްވެސް ހާލެއްގައި ފަސޭހަ ކަމެއް ނޫން. އެހެން ނަމަވެސް 90 މިނެޓް ވަންދެން ޓީމުގެ ކުޅުންތެރިން ހިތްވަރު ކުރާނެ،" ކްލޮޕް ބުނެފައިވެއެވެ.

ލިވަޕޫލުން މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ދަތުރު ކޮށްފައިވާ އިރު، އެފަހަރުގެ ފައިނަލްގައި ނުކުރީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ފައިނަލްގައި ރެއާލް އަތުން ބަލިވި އިރު، މެޗުގެ ކުރީކޮޅުގައި ސަލާހްގެ ކޮނޑަށް އަނިޔާވެ، އޭނާ ޖެހުނީ ބާލާށެވެ.