އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހަށް ނިމުން އަންނަން އެންމެ މެޗަކަށް ވެއްޖެއެވެ. ލީގުގެ އެއްވަނައާއި ދެވަނައިގެ މެދުގައި އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ. ލިވަޕޫލުން އެތައް ޒަމާނަކަށްފަހު ލީގު ތަށްޓަކަށް ފެންބޮވައިގެންފައިވާ އިރު، ސިޓީން ލީގު ދިފާއުކުރަން އެންމެ ތަންކޮޅެއްވެސް ދުލެއް ނުދެއެވެ.

ފަހު މެޗާ ހަމައަށް ދާ އިރު، ރޭގެ މެޗުން ހޯދި ހަނި މޮޅާއެކު، އަމިއްލަ ބާރުގައި އޮތީ ސިޓީއެވެ. ރޭ ލެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު، ސިޓީން 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، މެޗު ވެގެންދިޔައީ ޕްރެޝަރުގެ މެޗަކަށެވެ. މެޗު ނިމުމާއެކު ސިޓީން ލީގު ލިބުނު ފަދައިން އުފާފާޅުކުރިއެވެ. މެޗުގެ ހަމައެކަނި ގޯލް ޖެހި ކުޅުންތެރިޔާ، ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީގެ ލޮލުން އޮހޮރެމުން ދިޔައީ، ނޭވައެއް ލެވުނުކަމުގެ އިހުސާސް ކުރެވި، އުފާވެރިކަމުގެ ކަރުނައެވެ.

ރޭގެ މެޗު ސިޓީއަށް މަޖުބޫރެވެ. އެއްވަރު ކޮށްލުމެއްވެސް ނޫނެވެ. ސީދާ މޮޅުވުމަށެވެ. ތިން ޕޮއިންޓް ނޫން އެހެން ނަތީޖާއަކުން ސިޓީއަށް ފުއްދާ ލެވޭކަށް ނެތެވެ. މެޗުގެ ފުރަތަމަ ހާފުން ފެށިގެންވެސް ސިޓީން ކުޅުނީ ޕްރެޝަރުގައެވެ. ލެސްޓާއަށް މުޅި ޓީމު އެއްކޮށް ފަހަތަށް ފައިބާ ޑިފެންސް ކުރަމުންދިޔަ އިރު، ސިޓީން މުޅި ޓީމު އެއްކޮށް ކުރިއަށް ޖައްސައިގެން އެޓޭކް ކުރިއެވެ.

އަގުއޭރޯ އަދި ބާނާޑޯ ސިލްވާއާއި ސްޓާލިންގެ ހަމަލާތައް ފުލުފުލުުން ފާހަގަކޮށްލެވުނު އިރު، ލެސްޓާ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް އެންމެ އިންޗިއެއްވެސް ދުލެއް ނުދިނެވެ. މެޗުގެ ފަހުކޮޅަށް ދިޔަ ވަރަކަށް ސިޓީއަށް ދިޔައީ ގޮތް ހުސްވަމުންނެވެ. ލެސްޓާ އޭރިއާ ތެރެއަށް ސިޓީން ޖަހާ ތިރި ޕާސްތައް ލެސްޓާއިން ހުއްޓުވަމުން ދިޔައެވެ.

އޭގެ ޖަވާބު ދިނީ ކޮމްޕެނީއެވެ. ލެސްޓާ ހާފްގެ މެދެއްހާ ހިސާބަށް ބޯޅައާއެކު ޖެހިލާ، ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލްގެ މަތީ ކަނަށެވެ. މުޅި އެތިހާދު ސްޓޭޑިއަމް އުތުރި އެރިއެވެ. ސިޓީ އަނބުރާ އެއްވަނައަށް ޖެހިލިއެވެ. ބާކީ އޮތީ ބްރައިޓަން މެޗު އެކަންޏެވެ. މޮޅަކާއެކު ލީގު ޔަގީން ވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޯދިގު މަޑަވެލި

    މެންސުއްޓާ ޔުނައިޓެޑު ކޯޗު ދާއިމީ ކުރިފަހުން ވަރައްކަޑަ ކެޝުއަލްކޮއް ބަހައްޓަންވީ ޖޮބުގަ