ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަންނަ ސީޒަންގައި ކްލަބު ގްރީން ސްޓްރީޓްސްއަށް ކުޅުމަށް ސޮއިކޮށްފިއެވެ.

ގްރީން ސްޓްރީޓްސްއިން އެކަން ޔަގީން ކޮށްދީފައިވާ އިރު، ބަކާއާއެކު ގްރީންގެ ޓީމު ވަރުގަދަވެގެންދާނެއެވެ. އުމުރުން 33 އަހަރުގެ ބަކާ، ގްރީންއާ ގުޅިފައިވާ އިރު، ކުރިއަށް އޮތް ސީޒަންގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ވެސް ފެނިގެންދާނީ އެ ކްލަބުންނެވެ. އޭގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރުވެސް ވަނީ ގްރީންއަށް ކުޅުމަށް އެއްބަސްވެ، ސޮއިކޮށްފައެވެ.

ބަކާއަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ، ރާއްޖެ ދުތް އެންމެ މޮޅު އެއް މިޑްފީލްޑަރެކެވެ. ވީބީ އައްޑޫ އެފްސީން ވިދާލި ބަކާ ވަނީ މާޒިޔާއާއި ނިއު ރޭޑިއަންޓް، ވިކްޓަރީ އަދި ވެލެންސިއާއަށްވެސް ކުޅެފައެވެ. އަދި 2015 ވަނަ އަހަރު އޭނާ ވަނީ މިޔަންމާ ލީގުގެ ކަންބައުޒާއަށްވެސް ކުޅެފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: އީގަލްސް އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިދިޔަ ސީޒަންގައި އީގަލްސްއަށްވެސް ބަކާ މުހިއްމު ކުޅުމެއް ދެއްކި އިރު، އޭނާ ވަނީ މެދުކެނޑުމަކަށްފަހު ގައުމީ ޓީމަށްވެސް ނަގާފައެވެ. މީގެ ކުރިންވެސް ގައުމީ ޓީމަށް މުހިއްމު ރޯލެއް އަދާކޮށްދިން ބަކާ، އަނބުރާ ގައުމީ ސްކޮޑުން ޖާގަ ހޯދާ، އޭނާ ވަނީ ރާއްޖެއަށް ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ގެނެސްދިން ޓީމުގައިވެސް މުހިއްމު ރޯލެއް އަދާކޮށްފައެވެ.

ކޯޗު އަލީ ސުޒޭންއާއެކު ގްރީންއިން އަންނަ ސީޒަނަށް ފަރިތަކުރުންތައް ފަށާފައިވާ އިރު، ބަކާވެސް ވަރަށް އަވަހަށް ތަމްރީނުތަކާ ގުޅޭނެ ކަމަށް ބެލެވެއެވެ.