ހައިރާން ކުރުވަނިވި ގޮތަކަށް ނަތީޖާ އަނބުރާލާ، ލިވަޕޫލުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ފުރަތަމަ ލެގު ބާސެލޯނާއިން 3-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި އޮތް ނަމަވެސް، ލިވަޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑްގައި ލިވަޕޫލުން ވަނީ ހަތަރު ގޯލް ޖަހާ، 4-0އިން މެޗު ކާމިޔާބު ކޮށްފައެވެ. އެ ނަތީޖާއާއެކު ލިވަޕޫލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ފައިނަލަށް ދަތުރު ކޮށްފައި ވަނީ އެގްރިގޭޓް 4-3ގެ ނަތީޖާއަކުންނެވެ.

މިދިޔަ އަހަރުގެ ފައިނަލަށްވެސް ލިވަޕޫލް ދަތުރުކުރި އިރު، ބާސާއަށް އަނެއްކާވެސް ބޮޑު މާޔޫސް ކަމަކާ ކުރިމަތިވީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައިވެސް ރޯމާ އަތުން މިކަހަލަ ނަތީޖާއަކުން ބަލިވެފައި އޮތުމުންނެވެ. މިދިޔަ އަހަރު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސާއިން 4-1އިން ރޯމާ ބަލިކޮށްފައި އޮތްވާ، ރޯމާއިން ވަނީ އަމިއްލަ ދަނޑުގައި ބާސާ 3-0ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

އެންމެފަހުން ހަތަރު ސީޒަންގައިވެސް ބާސާއަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެވިފައި ނުވާ އިރު، މިރޭގެ ނަތީޖާއަކީ ލިވަޕޫލްގެ ތާރީހުގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއް ނަތީޖާއެވެ. ހާއްސަކޮށް ޔޫރަޕްގައި އެޓީމުން ނެރުނު އެންމެ ތަފާތު ބޮޑު އެއް ނަތީޖާވެސް މެއެވެ. 2005 ވަނަ އަހަރު ލިވަޕޫލުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފައިނަލްގައި، އެޓީމު ކޮޅަށް ފުރަތަމަ ހާފްގައި އޭސީ މިލާނުން ތިން ގޯލް ޖެހި ނަމަވެސް، ދެވަނަ ހާފް އެ ނަތީޖާ އަނބުރާލިއެވެ. އެއީ ލިވަޕޫލްގެ ތާރީހީ އިސްތާންބޫލް ފައިނަލެވެ.

ލިވަޕޫލުން މިރޭގެ މެޗަށް ނުކުތީ އެޓީމުގެ އެންމެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހާއި ފޯވަޑް ރޮބާޓް ފިރްމީނޯ ނުލައެވެ. ޓީޝާޓްގައި "ނެވާ ގިވް އަޕް" ޖަހައިގެން ސަލާހް މެޗު ބަލަން އިން އިރު، ތަފާތު ދެއްކީ މުޅި ލިވަޕޫލް ޓީމެވެ. ފިރްމީނޯގެ ބަދަލުގައި ކުޅެން އެރި އޮރީގީވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗު ފޯރީގައި ފެށީވެސް ލިވަޕޫލުންނެވެ. ހަތްވަނަ މިނެޓުގައި ލީޑުވެސް ނަގާ ބާސާއަށް އިންޒާރެއް ދިނެވެ. ހެންޑަސަން އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބޯޅަ ޓާސްޓެގަން ދިފާއުކުރި ނަމަވެސް، އޮރީގީ ވަނީ ރީބައުންސް ގޯލަށް ވައްދާލާފައެވެ. ފުރަތަމަ ހާފް ފެނުނީ ހަމާތައް ގިނަ، ފުޓުބޯޅައިގެ އެންމެ ހިތްގައިމު ކުޅުމެއް ދެޓީމުންވެސް ކުޅެމުންދިޔަ ތަނެވެ. ހަމަލާއަކަށްފަހު ހަމަލާއެކެވެ.

ފުރަތަމަ ހާފްގައި ލިވަޕޫލްގެ ރޮބަޓްސަންގެ އިތުރު ހަމަލާއެއް ބާސާ ގޯލްކީޕަރު ދިފާއުކުރި އިރު، އަނެއްކޮޅުން މެސީ ދިޔައީ އޭނާގެ ފެންވަރު ދައްކަމުންނެވެ. ޖޯޑީ އަލްބާއާއި ކުޓީނިއޯގެ ހަމަލާތައް އެލިސަން ބެކާ މަތަކުރި އިރު، މެސީގެ ދެ ހަމަލާއެއްވެސް އެލިސަން ބެކާ މަތަކުރިއެވެ.

ލިވަޕޫލްގެ ރޮބަޓްސަންއަށް ލިބުނު އަނިޔާއާއެކު، ދެވަނަ ހާފްގައި ވައިނާލްޑަމް ކުޅެން ނުކުތެވެ. މެޗުގެ ތަފާތަކަށްވެސް ވީ އޭނާއެވެ. ލިވަޕޫލުން ވަރުގަައަށް ފެށި ދެވަނަ ހާފްގެ ކުރީކޮޅުގައި އާނޯލްޑްގެ ހުރަހަކުން ވައިނަލްޑަމް ލީޑު ފުޅާކޮށްދިނެވެ. އަދި އެ ގޯލަށް މާ ގިނައިރެއް ނުވެ، ޝަގީރީގެ ހުރަހުން ވައިނަލްޑަމްގެ ދެވަނަ ގޯލް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ.

ބާސާ މުޅިން މާޔޫސް ކޮށްލިއެވެ. މެސީއާއި ޝުއަރޭޒްއަށް ހަދާނެ ގޮތް ހުސްވިއެވެ. އޭގެ އިރުކޮޅެއް ފަހުން ޝުއަރޭޒްއަށް ލިބުނު ބޯޅައިގައި ފޮނުވާލި ހަމަލާވެސް އެލިސަން ބެކާ މަތަކުރި އިރު، ލިވަޕޫލްގެ ޑިފެންސަށް، މެޗުގެ ނަތީޖާ ހައްގެވެ. މެސީއާއި ޝުއަރޭޒް ފަދަ ކުޅުންތެރިންނަށް އެއްވެސް ޖާގައެއް ނުދެއެވެ.

ލިވަޕޫލުން މުޅި ނަތީޖާ އަނބުރާލި ގޯލަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، އާނޯލްޑްގެ "ސްމާޓް" ވިސްނުމާއެކު ޖެހި ގޯލެކެވެ. އާނޯލްޑް ކޯނަރު ނަގަން ދިޔަ އިރު، ބާސާ އޭރިއާ ތެރޭގައި އޮރީގީ ހުސްކޮށް އޮތުމުން، އޭނާ އަވަސް އަވަހަށް ޖައްސާލި ބޯޅަ އޮރީގީ ނިންމާލީ މަތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނުޖެހޭ ނަން ބުނާ ކަށެއް

    އަޅެ ފަހެ ތީ ބުރޭކިން ނިޔުސް އެއްތަ ....
    ޢަނެކާ ވަގުތު މީހުން ރަގަޅު ބާ ؟ ވާނުވާ .

    1
    17
  2. ރަށްދު

    ކޮބާ މޮޅު މެސީ

    18
    7
  3. Anonymous

    ތިއީ ލިވަޕޫލްގެ މޮޅުކަމުން ކާމިޔާބުވި މެޗެއްނޫނެވެ. މެޗުން މޮޅުވީ ﷲ ގެ ކުޅަދުންވަންތަކަމުންނެވެ. ލިވަޕޫލް މިރޭ ކުޅެން ނުކުތީ އެމީހުންގެ އެންމެ

    15
    7
  4. ރަންނަމާރި އަމާ

    އެންޓްސް ކަމިން... (ހިނި އަންނަނީ)

    11
    1
  5. ކެރޭ އަބްދުﷲ

    ލިވަޕޫލް މޮޅުކަމުން ލިބުނު މޮޅެއްމީ.

    6
    2
  6. ޖަޒީރާ

    ފުޓްބޯޅައިގާ ބަލިވެސްވާނެ އަދި މޮޅުވެސްވާނެ...ލަކީ އަންލަކީ ފަހަރު ދިމާވާނީ

  7. ތަކުރު

    މަރުހަބާ މައުމޫން އަބްދުލްގައްޔޫމް...

    4
    3
    • ފާތިމާ

      ބާސާ އަންނަ އަހަރު ތަށި ނަގާނެ! އިންޝާ ﷲ..

      1
      2