މިއަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީން ކުރީ މިދިޔަ އަހަރުވެސް ފައިނަލަށް ދިޔަ ލިވަޕޫލުންނެވެ. އެކަން ލިވަޕޫލުން ކުރީ ސްޓައިލްގައެވެ. ވަރުގަދަ ބާސެލޯނާ ރޮއްވާލުމަށްފަހުއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ، ލިއޮނަލް މެސީއަށްވެސް ހެދުނު އެއްވެސް މަންތަރައެއް ނެތެވެ. ލިވަޕޫލްގެ ހިތްވަރާ، ރޫހު ފެނި، ހުންނަން ޖެހުނީ ބަލާށެވެ.

ފުރަތަމަ ލެގުގައި ބާސާ ދަނޑުން ލިވަޕޫލަށް ލިބުނީ ސުމެކެވެ. 3-0އިން ބަލިވެގެން އަނބުރާ އިނގިރޭސިވިލާތަށް ލިވަޕޫލް ދިޔައީ މާޔޫސް ކަމުގައެވެ. ޔޫރަޕްގައި ފައިހަމަކޮށްލާ، އެޓީމުން 2005 ވަނަ އަހަރު އިސްތާންބޫލްގައި ހޯދި ކާމިޔާބީ ތަކުރާރު ކުރުން ނޫން ގޮތެއް ނެތްކަން އެނގުނެވެ. ލިވަޕޫލް ސަޕޯޓަރުންނަށް އިސްތާންބޫލް ފައިނަލްގެ ވާހަކަ ދައްކާ ބަލެއްވެސް ނުވާނެއެވެ. އެޓީމުން ފަހަތުން އަރާ ޓީމުތައް ބަލިކުރަން ބޭނުންކުރާ ރެސިޕީއަކީ "އިސްތާންބޫލް" ފައިނަލްގެ ހިތްވަރެވެ.

ލިވަޕޫލްއަށް އިތުރު މާޔޫސްކަމެއް ކުރިމަތިވީ، ލީގު މެޗުގައި ސަލާހްއާއި ފިރްމީނޯއަށްވެސް އަނިޔާވުމުންނެވެ. ކޯޗު ޔާގަން ކްލޮޕް ބުނީ ދުނިޔޭގެ އެންމެ މޮޅު ދެ ފޯވަޑުންނާ ނުލާ ހަތަރު ގޯލް ޖަހާނެ ގޮތެއް އޭނާއަށް ނުވިސްނޭ ކަމަށެވެ. އެކަމަކު ލިވަޕޫލުން ރޭ ކޯޗު ކްލޮޕްގެ ވިސްނުމުގައިވެސް ނެތް ކަމެއް ކޮށްފިއެވެ. ވަރުގަދަ ބާސާކޮޅަށް ހަތަރު ގޯލް ޖަހާ، މުޅި ދުނިޔެ ހައިރާން ކޮށްލައިފިއެވެ.

"މުޅި މެޗުވެސް ހަމަ ނުކުޅަދާނަ. ކްލީންޝީޓަކާއެކު މެޗުން މޮޅުވި ގޮތް އަހަންނަށް އަދިވެސް ބުނެދެން ނޭނގެ. ލިވަޕޫލް މޮޅުވި ގޮތެއް ނޭނގެ. މިއީ އަހަންނަށް މުޅިން އަލަށް ފެނުނު ލިވަޕޫލެއް. މިއީ ވަރަށް ވަރަށް މުހިއްމު ނަތީޖާއެއް. މިފަދަ މާހައުލެއް އަމިއްލަ ދަނޑުގައި އޮތުމަކީ މުހިއްމު ކަމެއް. މިއީ ކުޅުންތެރިންނަށް މުހިއްމު ނަތީޖާއެއް،" ރޭގެ މެޗަށްފަހު އުފަލުން ފޮޅިފައި ހުރި ކްލޮޕް ބުންޏެވެ.

ލިވަޕޫޫލުން ލިޔެލީ ޗެމްޕިއަންސް ލީގު ތާރީހެކެވެ. ބާސެލޯނާއިން 1986 ވަނަ އަހަރު، ޔޫރަޕިއަން ކަޕް (މިހާރު ޗެމްޕިއަންސް ލީގު)ގެ ސެމީ ފައިނަލްގައި ގޮތެންބާގު ކައިރިން ފުރަތަމަ ލެގުގައި 3-0ގެ ނަތީޖާއަކުން ބަލިވެފައި އޮވެފައި އަނެއް ލެގުގައި ނަތީޖާ އަނބުރާލި ފަހުން، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައި އެފަދަ ނަތީޖާއެއް އެނބުރިފައެއް ނެތެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން ކްލޮޕް، ލިވަޕޫލް ކުޅުންތެރިން ކައިރީގައި ބުނީ އެންމެ ވާހަކައެކެވެ.

"އަހަންނަށް ހީއެއް ނުވޭ، އެއީ ވާނެ ކަމެއް ހެނެއް. އެކަމަކު ތިއީ އެންމެ އިތުބާރު ކުރާ ކުޅުންތެރިން. އެކަން ވަންޏާ ވާނެ ކުޅުންތެރިންނަކީވެސް ތިއީ،" މިއީ ކްލޮޕް ބުނި ވާހަކައެވެ.

ކްލޮޕްގެ އިތުބާރު ކުޅުންތެރިން ދަމަހައްޓައިފި، މެޗަށްފަހު މުޅި ސްޓޭޑިއަމް "ޔޫވިލް ނެވާ ވޯކް އެލޯން"ގެ އަޑުން ގުގުމާލީ، ސަޕޯޓަރުންނާ ކޯޗުންނާ ކުޅުންތެރިން އެކުގައެވެ.