ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި 3-0 ގެ ނަތީޖާއަކުން ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިކޮށް އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބް މުބާރާތުގެ ފެށުން ރަނގަޅުކޮށްލައިފިއެވެ.

މި މުބާރާތަކީ މޯލްޑިވްސް ސޮކަ މޭޓްސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ. ޓާފް ދަނޑުގައި ކުރިއަށް ގެންދާ މުބާރާތުގައި އަބަދުވެސް ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑުން ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ. މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗް ޝަރަފްވެރި ކޮށްދެއްވާފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

އޭދަފުށި ޓީމް އަށް ބަލާއިރު ފެނިގެން ދަނީ މިދިޔަ އަހަރު ވެލެންސިއާގައި ތަށި އުފުލާފައިވާ އެޓީމް އަށް ކުޅެފައިވާ ގައުމީ ޓީމުގެ ޑިފެންސްލައިނުގައި މުހައްމަދު ޖަމީލް (ޖަމްބެ) އާއި ސޮބާހު މުހައްމަދު (ސޮބާ) އެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ ވިންގް އިސްމާއިލް މުހައްމަދު (އިއްސެ) އާއި ޔޫސުފް އަޒީމް (ޔޫއްޓޭ) ހިމެނެއެވެ.

އޭދަފުށިން މެޗްގެ ފުރަތަމަ ގޯލް ޖަހާފައިވަނީ 16 ވަނަ މިނަޓްގައި އަބްދުﷲ ޝިފާއުއެވެ. އަދި މީގެ ހަތް މިނިޓް ފަހުން އޭދަފުށީގެ ދެ ވަނަ ގޯލް އާއި ތިންވަނަ ގޯލް ކާމިޔާބު ކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމް ލިބުނު އިއްސެއެވެ.

މި މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމަށް މޮޅު ކުޅުމެއް ދެއްކި ޔޫއްޓޭއެވެ. އަދި މޭން އޮފްދަ މެޗް އަށް ހޮވިފައިވަނީ އޭދަފުށީ . ޓީމްގެ އިސްމާއިލް މުހައްމަދެވެ. މެޗްގެ މޮޅު ކުޅުންތެރިންނަށް ޓްރޮފީ ހަވާލު ކޮށްދެއްވީ އަލްފާޟިލް އަބްދުއް ޝުކޫރުއެވެ.

ވެޓެރަންސް މުބާރާތަކީ ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ މުބާރާތެކެވެ. މިއީ ކުރީގެ މޮޅެތި ކުޅުންތެރިން ފެނިގެންދާ ހަމަ އެކަނި މުބާރާތެވެ. މުބާރާތުގެ މެޗް ގައި ހާފް އަކަށް ކުޅެނީ 30 މިނެޓެވެ. ގިނަބަޔަކު ބަލަމުން އަންނަ ވެޓެރަންސް މުބާރާތުގައި މިހާރު އަންނަނީ ބޮޑެތި އަގުތަކަށް ޓްރާންސްފާ ވެސް ހަދަމުންނެވެ.

މިއަހަރުގެ ވެޓެރަންސް މުބާރާތުގައި ހަތް ޓީމަކުން ވާދަކުރާނެއެވެ. އެންމެ ކާމިޔާބު ދެޓީމު ކަމަށްވާ ވެލެންސިއާ އަދި ނިއު ފެނިގެން ނުދާ އިރު، ފުރަތަމަ ބުރު ކުޅެވޭނީ ލީގު އުސޫލުންނެވެ.

މުބާރާތުގައި މިއަދު ހަވީރު 16:30 ގައި ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ޕޮލިސް ކްލަބާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހޫ

    ބަތްޕެން

    1
    1