ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގެގު ފަހު މިނެޓް ގޯލް ޖަހާ، ޓޮޓެންހަމް ފުރަތަމަ ފަހަރަށް ފައިނަލަށް ގޮސްފިއެވެ.

އަޔެކްސްގެ ޒުވާން ޓީމު ހިތްތައް ކުދިކުދި ކޮށްލީ ލޫކަސް މޯރާގެ ހެޓްރިކުންނެވެ. ޓޮޓެންހަމްއިން ފަހު ހާފްގައި ތިން ގޯލް ޖަހާ، 3-2ގެ ނަތީޖާއަކުން މިރޭގެ މެޗު ކާމިޔާބުކުރި އިރު، ސްޕާސްއަށް ކުރި ލިބެނީ އަވޭ ގޯލުންނެވެ. ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުން އަޔެކްސް 1-0ގެ ނަތީޖާއަކުން މޮޅުވެފައި އޮތް އިރު، އެގްރިގޭޓުން ދެޓީމުވީ 3-3ގެ ނަތީޖާއަކުން ހަމަހަމައެވެ.

ޓޮޓެންހަމްގެ ޗެމްޕިއަންސް ތާރީހުގައިވެސް ފައިނަލެއް ނެތެވެ. ޔޫރަޕްގެ ފުޓުބޯޅައަށް މުޅި އާ ނަމަކެވެ. އެހެން ނަމަވެސް މިރޭގެ ތާރީހީ ނަތީޖާއާއެކު ޓޮޓެންހަމްގެ ނަން ފައިނަލެއްގައި ލިޔެލެވުނީއެވެ. ލިވަޕޫލާ ދެކޮޅަށް ޓޮޓެންހަމްއިން ފައިނަލަށް ނުކުންނަ އިރު، އެޓީމުން ސެމީ ފައިނަލް ކުޅެން ޖެހުނީވެސް ޓީމުގެ ކެޕްޓަން ހެރީ ކޭންވެސް ނުލައެވެ.

އަޔެކްސްގެ ޒުވާން ޓީމުން ރީތި ފުޓުބޯޅައެއް ކުޅެމުންދިޔަ އިރު، މިރޭގެ މެޗުގެ ފުރަތަމަ ހާފްގައިވެސް އެ ތަފާތު ފެނުނެވެ. އަޔެކްސްގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ތަފާތު މޮޅުު ކުޅުމެއް ކުޅެމުންދިޔަ އިރު، ފުރަތަމަ ހާފްގައި އެޓީމުން ދެ ގޯލް ޖަހާ، އެގްރިގޭޓް 3-0 އަކަށްވެސް ބަދަލުކޮށްލިއެވެ. ފަސްވަނަ މިނެޓުގައި އަޔެކްސްގެ ކެޕްޓަން މަތިއަސް ޑިލިޓްގެ ގޯލުން އަޔެކްސް ލީޑު ނެގި އިރު، ހާފް ނިމެން ދަނިކޮށް ޒިޔެޗް ވަނީ އަޔެކްސްއަށް ގާތްގަނޑަކަށް ފައިނަލް ޔަގީން ކޮށްދީފައެވެ.

ދެވަނަ ހާފްގެ ވާހަކަ ތަފާތެވެ. ފެށީވެސް ޓޮޓެންހަމްއިންނެވެ. ނިންމީވެސް ޓޮޓެންހަމްއިންނެވެ. ތިން ގޯލްވެސް ލޫކަސް މޯރާއެވެ. ވަނިޔާމާގެ ބަދަލުގައި ލޮރެންޓޭ ނެރެ، ޓޮޓެންހަމްއިން ފުލް ގިޔަރުގައި އެޓޭކް ކުރިއެވެ. 55 ވަނަ މިނެޓުގެ އިތުރުން އޭގެ ހަތަރު މިނެޓް ފަހުންވެސް ލޫކަސް މޯރާގެ ހިތްގައިމު ދެގޯލާއެކު ޓޮޓެންހަމްއަށް އުންމީދު ގެނުވިއެވެ.

މޯރާގެ ހެޓްރިކް ފުރިހަމަ ކުރީ ފަހު ސިކުންތުގައެވެ. މުޅި އެމްސްޓެޑާމް އެރީނާއާއި އަޔެކްސް ރޮއްވާލިއެވެ. އުންމީދާއެކު ކުޅެމުންދިޔަ ޒުވާން ޓީމުގެ ހިތްތައް ކުދިކުދި ކޮށްލިއެވެ.

މިއީ އިނގެރޭސި ދެޓީމު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅޭ ދެވަނަ ފަހަރެވެ.