އަންނަ އަހަރު ފެށެން ހަމަޖެހިފައި އޮށް އޭއެފްސީ 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމެނިފައި ވަނީ ވަރުގަދަ ގްރޫޕްއެއްގައެވެ.

އެގޮތުން ބަލާއިރު ރާއްޖެ ހިމެނިފައިވަނީ ވެސްޓް ޒޯންގެ ގްރޫޕްތަކުގެ ތެރޭގައެވެ. ގްރޫޕް ސީގައި ރާއްޖޭގެ އިތުރުން ހިމެނެނީ އޭޝިއާ ފުޓްބޯޅައިގެ ގަދަބާރު އީރާނާއި އަފްގާނިސްތާން އަދި ފަލަސްތީނެވެ. ކޮލިފައިން މެޗުތައް ކުރިއަށްދާނެ ކަމަށް އޮތީ އީރާނުގައެވެ.

16 އަހަރުން ދަށުގެ އެންމެ ފަހުގެ ކޮލިފިކޭޝަންގައި ރާއްޖެ ލައްވާލައިފައިވަނީ ތަޖިކިސްތާނާއި އޮމާން، ސީރިއާ އަދި ތުރުކުމެނިސްތާނާއި އެއް ގްރޫޕަކަށެވެ. މި މުބާރާތުގައި ތުރުކުމެނިސްތާން ވަނީ ނަން ނަގާފައެެވެ. ދެން ވާދަކުރީ ހަތަރު ޓީމުންނެވެ. އޮމާން އަތުން 8-0 އިން ރާއްޖެ ބަލިވިއިރު، ތަޖިކިސްތާނުން ރާއްޖޭގެ މައްޗަށް ކުރިހޯދީ 14-0 އިންނެވެ. އަދި ސީރިއާ އިން ވަނީ ރާއްޖެ 6-0 އިން ބަލިކޮށްފައެވެ.

2021 ވަަނަ އަހަރު އޮންނަ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމުގެ ގޮތުން އެފްއޭއެމުން ދާދި ފަހުން ވަނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި މިހާރުގެ ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) އާ ޕްރޮޖެކްޓެއް ހަވާލުކޮށްފައެވެ. އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތަށް އެކުލަވާލާ ޓީމުގެ މަސައްކަތުގެ ޒިންމާ އޮތީ ކުޑަހީނާއަށެވެ. މި ޕްރޮޖެކްޓްގެ އިތުރުން ޔޫތު ފުޓްބޯޅައިގެ އެހެން ހުރިހާ ކަމަކަށް ވެސް އޭނާގެ އެހީތެރިކަން ހޯދަން އެފްއޭއެމުން ވަނީ ނިންމައިފައެވެ. އެފްއޭއެމްގެ ވިސްނުމަކީ ޔޫތު ފުޓްބޯޅައިގައި ޓީމުތައް ތައްޔާރުކުރުމުގައި ދުރު ރާސްތާ ޕްލޭނެއް ބޭއްވުމެވެ.

ޒުވާން ކުޅުންތެރިން މީގެ ކުރިން ކުރިއެރުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ޔޫތު ފުޓްބޯޅައިގައި ގިނަ މެޗުތަކެއް ކުޅެލަން ނުލިބުމެވެ. އެކަމަކު އެފްއޭއެމުން މިހާރު އެކަން ބަދަލުކޮށް ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް ގިނަ މުބާރާތްތައް ހިންގައެވެ.