ފުޓްބޯޅައިގެ ބާނީ ކަމުގައި ގިނަ ބަޔަކު ދެކޭ ބްރެޒިލްގެ ރޮނާލްޑީނިއޯ ސިޔާސީ ޕާޓީއަކާއި ގުޅިއްޖެއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގައި ރަސްމީކޮށް ކުޅުން ހުއްޓާލިކަން އިއުލާންކުރުމަށް ފަހު ގިނަ ބައެއް ދިޔައީ ރޮނާލްޑިއޯ ދެން ފެންނާނީ ކޮން ދާއިރާއަކުން ކަމާއި މެދު ސުވާލު އުފައްދަމުންނެވެ. އެގޮތުން ކޯޗެއްގެ ގޮތުގައި ފެނިގެން ހިނގައިދާނެ ކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ.

ނަމަވެސް ދާދި ފަހުން ބްރެޒިލްގެ ސިޔާސީ ޕާޓީއެއްކަމަށްވާ ރިޕަބްލިކް ޕާޓީއަށް ރޮނާލްޑީނީއޯ ސޮއިކުރުމަށް ފަހު އޭނާ ދެން ފެނިގެންދާނީ ސިޔާސީ ދާއިރާއިން ކަމުގައި އޭނާ ބުނެފައިވެއެވެ.

މިދިޔަ ބްރާސްފަތި ދުވަހު ބްރެޒިލްގައި ބޭއްވި ރަސްމިއްޔާތެއްގައި ރޮނާލްޑީނިއޯ ރިޕަބްލިކް ޕާޓީއަށް ސޮއިކޮށްފައިވާއިރު ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑިނިއޯ ބުނީ ގައުމަށް ހިދުމަތް ކޮށްދޭ ޕާޓީއެއްގެ މެންބަރަކަށް ވުމުން ފަހުރުވެރިވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ސިޔާސީ ދާއިރާއިން ކުރިއަށް ދާން ބޭނުން ކަމުގައި ރޮނާލްޑީނިއޯ ބުނެފައިވެއެވެ.

" އަހަރެން ބޭނުން ގައުމަށް ހިދުމަތް ކޮށްދޭން. އަހަރެން އަބަދުވެސް ބޭނުންވާ ކަމެއް އެއީ. އަހަރެން ފަހުރުވެރިވަން ގައުމަށް ހިދުމަތް ކޮށްދޭ ޕާޓީއެއްގެ މެންބަރަކަށް ވެވުނީތީ" ރޮނާލްޑީނިއޯ ބުނެފައިވެއެވެ.

ރޮނާލްޑީނީއޯ ނިސްބަތްވާ ޕާޓީއަކީ އެގައުމުގައު ނުފޫޒް ގަދަ ޕާޓީއެކެވެ. އަދި އެޕާޓީއަށް ނިސްބަތްވާ 21 މެންބަރުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައިވެސް ހިމެނެއެވެ.

ބްރެޒިލްއާއި އެކު ވޯލްޑް ކަޕްގެ ތަށިވެސް އުފުލާލައިފައިވާ ރޮނާލްޑީނިއޯ އަކީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ކުޅެދީފައިވާ ކުޅުންތެރިއެވެ. އެގޮތުން ރޮނާލްޑީނިއޯގެ ވިދުން އެންމެ ގަދަވެގެން ދިޔައީ އޭނާ ބާސެލޯނާއަށް ކުޅުނު ދުވަސް ވަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސްލޭ

    "ފުޓްބޯޅައިގެ ބާނީ ކަމުގައި ގިނަ ބަޔަކު ދެކޭ ބްރެޒިލްގެ ރޮނާލްޑީނިއޯ ސިޔާސީ ޕާޓީއަކާއި ގުޅިއްޖެއެވެ." މި ކާކު ދެއްކި ވާހަކައެއް؟ އަލަށް މިކަހަލަ ވާހަކައެއް މި ފެނުނީވެސް.. ޑީނިއޯއަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް؟ އެކަމު ފުޓުބޯޅައިގެ ބާނީއަށް އޭނާވާނެ ގޮތެއް އެއީ ނެތް ގޮތެއް.. ދުނިޔޭގަ ފުޓު ބޯޅަ ކުޅޭތާ އެތަށް ދުވަހެއް ޑީނިއޯ ފުޓު ބޯޅަ ކުޅުނީ ދާދި މިދާކަށް ދުވަހު..ފުޓުބޯޅައަށް އޭނާއަށް ވުރެއް ގިނަ ހިދުމަތްކޮށްދީ ކާމިޔާބު ހޯދަދިން ކުޅުންތެރިންވެސް ބައިވަރު..ދެން ހަމަ އެއްޗެއް ލިޔެލަނީތި..