"ވަގުތު" އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް އައްޑޫ ސިޓީގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ އިރު، މިފަަހަރުގެ މުބާރާތުގެ ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

މިއަހަރުގެ މުބާރާތަށް ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ މުބާރާތުގައި ޓީމުތަކަށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް ގެނެސްފައިވާ ބަދަލުތަކެވެ. މީގެ ކުރިން ޓީމުތަކުގައި އަތޮޅުން ބޭރު ކުޅުންތެރިން ބޭނުން ވަރަކަށް ރަޖިސްޓްރީ ކުރެވޭ ގޮތަށް އޮތް ނަމަވެސް، މިފަހަރު ރަޖިސްޓާ ކުރެވޭނީ ކޮންމެ ޓީމަކަށްވެސް އަތޮޅުން ބޭރުގެ ތިން ކުޅުންތެރިންނެވެ.

އެ ތިން ކުޅުންތެރިންގެ ތެރެއިން މެޗު ކުރިއަށްދާ އިރު، އަބަދުވެސް ދަނޑުމަތީގައި ތިބެވޭނީ ދެ ކުޅުންތެރިންނަށެވެ. މުބާރާތުގައި އައްޑު އަތޮޅު ނޫން އެހެން އަތޮޅަކުން ޓީމެއް ބައިވެރިވާ ނަމަވެސް، އެޓީމުގައިވެސް ޖެހޭނީ ޓީމު ނިސްބަތްވާ އަތޮޅު ނޫން އެހެން އަތޮޅެއްގެ ތިން ކުޅުންތެރިންނެވެ. އަދި ސަރުކާރު އޮފީހަކުން ބައިވެރިވާނަމަވެސް، އެ އޮފީހެއްގައި މަސައްކަތްކުރާ މީހުންގެ އިތުރަށް ޓީމުގައި ޖެހޭނީ އެހެން އަތޮޅެއްގެ ތިން ކުޅުންތެރިންނެވެ. އެހެން ނަމަވެސް އައްޑޫ ކުޅުންތެރިން ބޭނުން ވަރަކަށް ޖެހޭނެއެވެ. އަދި ރިސޯޓެއް ބައިވެރިވާނަމަވެސް، އެ ރިސޯޓެއްގެ ކުޅުންތެރިން ފިޔަވާ ބޭނުން ވަރަކަށް އައްޑޫގެ ކުޅުންތެރިން ޖެހޭނެއެވެ. އެހެން ނަމަވެސް އައްޑޫ އަތޮޅު ބޭރުން ޖެހޭނީ ހަމަ ތިން ކުޅުންތެރިންނެވެ.

މައިގަނޑު ގޮތެއްގައި މުބާރާތުގައި އައްޑޫގެ ޓީމުތައް ބައިވެރިވާ އިރު، އެ ބަދަލު ގެނެސްފައި ވަނީ، މުބާރާތުގައި އައްޑޫގެ ކުޅުންތެރިންނަށް ފުރުސަތު އިތުރު ކުރުމަށާއި، އައްޑޫއިން ރަނގަޅު ކުޅުންތެރިން އުފެއްދުމަކީ މުބާރާތުގެ އެއް މަގުސަދު ކަމުގައިވެސް ވާތީއެވެ.

އޭގެ އިތުރަށް މުބާރާތަށް މިފަހަރު ގެނައި އަނެއް ބަދަލަކީ ކޮންމެ ޓީމަކުންވެސް 18 އަހަރުން ދަށުގެ ދެ ކުޅުންތެރިން ޓީމު ލިސްޓްގައި ހިމަނަން މަޖުބޫރު ކޮށްފައި އޮތް އޮތުމެވެ. "ވަގުތު ފުޓްސަލް ޗެލެންޖު"ގެ މައިގަނޑު އެއް މަގުސަދަކީ ފުޓްސަލްގެ ރަނގަޅު ޒުވާން ޖީލެއް އުފެއްދުން ކަމަށްވާ އިރު، އެ ބަދަލަކީ ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް އޮތް ފުރުސަތު ފަހިކޮށްދިނުމަށް ގެނެސްފައިވާ ބަދަލެކެވެ.

ރާއްޖޭގެ ފުޓްސަލްގެ ތަރިން ފެނިގެންދާ "ވަގުތު ފުޓްސަލް ޗެލެންޖު" އަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނާ އަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީ ހިތަދޫ ގައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 16 ޓީމަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 9657764 ނަމްބަރު ފޯނަށް ގުޅުއްވުމުން ފޯމް ލިބިވަޑައިގަންނަވާނެއެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ވަގުތު" ފުޓްސަލް މުބާރާތް ފާއިތުވި ދެއަހަރު ވެސް ކާމިޔާބު ކޮށްފައި ވަނީ "ބޭރުމަތި" އިންނެވެ.