ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓުބޯޅަ އެޖެންޓް، މިނޯ ރައިއޯލާ ސަސްޕެންޑް ކޮށްފިއެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. ޕައުލް ޕޮގްބާއާއި ޒްލަޓަން އިބްރަހިމޮވިޗް ފަދަ ކުޅުންތެރިންގެ އެޖެންޓް، ރައިއޯލާ ފުރަތަމަ ސަސްޕެންޑް ކޮށްފައި ވަނީ އިޓަލީގެ ފުޓުބޯޅަ ފެޑަރޭޝަނުންނެވެ. އެހެން ނަމަވެސް އިއްޔެ ފީފާއިން ވަނީ އެ ސަސްޕެންޝަނަށް ތާއީދުކޮށްފައެވެ.

ސަސްޕެންޝަނަށް މިހާރުވެސް އަމަލު ކުރަން ފަށާފައިވާ އިރު، ރައިއޯލާއަށް އިތުރަށް ޓްރާންސްފާ ތަކުގައި ވާހަކަ ދެއްކެން އޮތީ އިނގިރޭސި ޓްރާންސްފާ ސީޒަން ނިމޭ ފަހުންނެވެ. އެހެންކަމުން އޭނާގެ ކުޅުންތެރިންނަށް ކްލަބުތަކާ ވާހަކަ ދެއްކުން މިހާރު ވާނީ މަޑުޖެހިފައެވެ. އިޓަލީގެ ފެޑަރޭޝަނުން ބުނެފައި ވަނީ ރައިއޯލާ ސަސްޕެންޑް ކޮށްފައި ވަނީ ޓްރާންސްފާ ތަކުގައި އޮޅުވާލަން މަސައްކަތް ކުރުމާ ގުޅިގެން ކަމަށެވެ. އަދި ރައިއޯލާ އަބަދުވެސް ފާހަގަކޮށްލެވެނީ ފައިސާގެ މައްސަލަތައް ގިނަ އެޖެންޓެއްގެ ގޮތުގައެވެ.

އެކަންކަމަށް ރައްދު ދިނުމުގެ ގޮތުން ރައިއޯލާ ބުނެފައި ވަނީ އޭނާ ސަސްޕެންޑް ކޮށްފައި ވަނީ އެއްވެސް ކަމަކަށް ބެލުމެއް ނެތި، ދޮގު ވާހަކަތަކެއްގެ މައްޗަށް ބިނާ ކޮށް ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނެފައި ވަނީ އިޓަލީގެ ފުޓުބޯޅައިގެ ކަންކަމަށް އޭނާ ފާޑު ކިޔުމުން އިޓަލީގެ އިދާރާތަކަށް އެކަން ހަޖަމް ނުވި ކަމަށެވެ.