މިއަދަކީ އިނގިރޭސިލީގުގެ ޗެމްޕިއަނުން ޔަގީން ވެގެންދާނެ ދުވަހެވެ. ޕްރިމިއާ ލީގު އުފުލާލުމުގެ ޝަރަފަށް، ދެޓީމަކުން ޖަހަމުންދާ ރޭހަށް ނިމުމެއް ގެނުވާނެ ދުވަހެވެ. ތާރީހުގައިވެސް އެންމެ ފޯރިގަދަ އެއް ރޭހެވެ. ލިވަޕޫލާއި މެންޗެސްޓާ ސިޓީ ހަނގުރާމަ ކުރަމުންދަނީ ކަނޑިއާ ކަނޑިއަށެވެ. ލީގު ފެށީރުންސުރެ، ލީގަކީ އެދެޓީމުގެ ހަނގުރާމައެކެވެ. ލީގުގެ ފަހު ދުވަހަށް އައިރުވެސް އޮތީ ނިންމާ ނުލެވިއެވެ. ފަރަގަކީ އެންމެ ޕޮއިންޓެކެވެ.

މިރޭގެ މެޗުގައި ސިޓީއަށް އޮތް މަސައްކަތަކީ ބްރައިޓަން ބަލިކުރުމެވެ. އެޓީމުގެ އަތުގައި އަމިއްލަ ބާރު އޮތް އިރު، މިވީހާތަނަށްވެސް ހަތަރު މެޗުން ސިޓީ ބަލިވެފައެއް ނުވެއެވެ. އެކަމުގެ ރެކޯޑު އޮތީ ސިޓީ އަތުގައެވެ. އެހެން ނަމަވެސް ސިޓީން އެންމެފަހުން ކުޅުނު މެޗުތަކަށް ބަލާ އިރު، ޓީމުތަކުން ސިޓީއާ ދެކޮޅަށް ނުކުންނަނީ ޑިފެންސިވް ކުޅުމެއް ކުޅެންކަން އެނގެއެވެ. ހާއްސަކޮށް ސިޓީއަށް ލީގު ގެއްލުވާލުމަށް ބްރައިޓަން ނުކުންނާނެ ކަމަށް ބެލެވެއެވެ.

ލިވަޕޫލަށް އޮތީ އުނދަގޫ ޓާސްކެކެވެ. ވުލްވްސްއަކީ މި ސީޒަންގެ ސަޕްރައިޒް ޓީމެވެ. އެހެން ނަމަވެސް ލިވަޕޫލަށް އޮތް ފައިދާއަކީ އަމިއްލަ ދަނޑުގެ ފައިދާއެވެ. އަޑުހަރު ސަޕޯޓަރުންގެ ކުރިމަތީގައި ލިވަޕޫލް ކޮންމެ ނަތީޖާއެއްވެސް ނެރެފާނެކަން ވަނީ ދައްކާލާފައެވެ. އެޓީމުން އޮތީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައެވެ. ހައިރާން ކުރުވަނިވި ގޮތަކަށް ބާސެލޯނާ ކައިރީ ނަތީޖާ އަނބުރާލުމަށްފަހުއެވެ.

މިރޭގެ މެޗުގައި ލިވަޕޫލަށް އޮތް ގޮތަކީ ސިޓީ ބަލިވުމެވެ. ނޫނީ އެއްވަރުވެފައި، ދެގޮތުން ކުރެ ކޮންމެ ގޮތެއް ވިޔަސް ލިވަޕޫލް މޮޅުވުނެވެ. 29 އަހަރަށްފަހު ލިވަޕޫލުން ކުރަމުންދާ ބޮޑު އުންމީދެކެވެ. ސިޓީގެ އުންމީދަކީ ވާދަވެރި ޔުނައިޓެޑުން އެންމެފަހުން ލިޔެލި ތާރީހު ލިޔެލުމެވެ. ފަހުގެ ތާރީހެއްގައި ޔުނައިޓެޑަކީ ޖެހިޖެހިގެން ދެ ސީޒަނެއްގައި ލީގު ނެގި ހަމައެކަނި ޓީމެވެ. އެކަން ކުރި ކޯޗަކީ ސާ އެލެކްސް ފާގަސަންއެވެ.

ސިޓީއަށް 95 ޕޮއިންޓެވެ. ލިވަޕޫލަށް 94 ޕޮއިންޓެވެ. ލީގު ޔަގީންވާނީ މިރޭއެވެ.

ކިޔުންތެރިންގެ ހިޔާލު