އިނގިރޭސި ޕްރިމިއާ ލީގު ޖެހިޖެހިގެން ދެވަނަ ފަހަރަށް އުފުލާލާ، ޕްރިމިއާ ލީގު ދިފާއުކުރި ޖެހިޖެހިގެން ދެފަހަރަށް ހޯދި ތިންވަނަ ކްލަބަކަށް މެންޗެސްޓާ ސިޓީ ވެއްޖެއެވެ.

ލީގު މެޗަށް މިރޭ ނުކުތް އިރު، މޮޅެއް ބޭނުންވެފައި އޮތް ސިޓީން، ބްރައިޓަން ބަލިކުރީ ފަސޭހަކަމާއެކު 4-1ގެ ނަތީޖާއަކުންނެވެ. އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ލީގު، ޕްރިމިއާ ލީގަށް ބަދަލުކުރިފަހުން އެ ލީގު ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދި ހަމައެކަނި ޓީމުތަކަކީ ސިޓީގެ އިތުރުން ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ލީގަށް ވާދަކުރީ ސިޓީއާއި ލިވަޕޫލެވެ. އެ ދެޓީމުގެ ފަރަގަކަށްވެސް އޮތީ އެންމެ ޕޮއިންޓެކެވެ. މެޗަށް ނުކުތް އިރު، ސިޓީ 95 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ލިވަޕޫލް ދެވަނައިގައި އޮތީ 94 ޕޮއިންޓާއެކުގައެވެ. މިރޭ ވުލްވްސްއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރި ނަމަވެސް، އެޓީމަށް ލީގު ގެއްލުނީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.

ލިވަޕޫލުން އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ތަށި އެންމެފަހުން ނަގާފައި ވަނީ ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރުމުގެ ކުރިން 1990 ވަނަ އަހަރުއެވެ. އޭގެ ފަހުން ލިވަޕޫލަށް ލީގު ނެގިފައިނުވާ އިރު، މިއީ އެޓީމަށް ލިބުނު އެންމެ ބޮޑު ފުރުސަތެވެ. ލީގު ފެށުނީއްސުރެ ސިޓީއާ ވާދަކުރަމުން ލިވަޕޫލް ދިޔަ އިރު، އެޓީމު ލީގުގައި ބަލިވީވެސް ސިޓީ އަތުން އެކަންޏެވެ.

ސިޓީން ސީޒަންގައި ކުޅުނު 38 މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވި އިރު، އެއްވަރުވީ ދެމެޗުންނެވެ. އެޓީމުން 98 ޕޮއިންޓާއެކު ލީގު ނެގި އިރު، މިއީ ސިޓީން ލީގު ކާމިޔާބުކުރި ހަވަނަ ފަހަރެވެ.

މެންޗެސްޓާ ޔުނައުޓެޑުން 2008-09 އަދި 2009-10 ވަނަ އަހަރުގެ ސީޒަން ކާމިޔާބުކުރިފަހުން، މިހާތަނަށް އެއްވެސް ޓީމަކުން ޕްރިމިއާ ލީގު ޖެހިޖެހިގެން ދެފަހަރަށް ކާމިޔާބު ކޮށްފައެއް ނުވެއެވެ. އޭގެ ކުރިން ޔުނައިޓެޑުން ވަނީ ޖެހިޖެހިގެން ތިން ފަހަރުވެސް ލީގު ކާމިޔާބު ކޮށްފައެވެ. ޗެލްސީން ޖެހިޖެހިގެން ދެފަހަރަށް ލީގު ކާމިޔާބުކުރީ 2004-05 އަދި 2005-06 ވަނަ އަހަރު ސީޒަންގައެވެ.

މިރޭގެ މެޗުގައި ބްރައިޓަންއިން ސިޓީކޮޅަށް ފުރަތަމަ ގޯލެއް ޖެހި ނަމަވެެސް ސިޓީން މޮޅުވީ ފަހަތުން އަރައެވެ. ބްރައިޓަންގެ ގޯލް ޖަހައިދިނީ ގްލެން މުރޭއެވެ. ފަހަތުން އަރާ ސިޓީ މޮޅުވި އިރު، އެޓީމުގެ ގޯލްތައް ޖަހައިދިނީ ސާޖިއޯ އަގުއޭރޯ، ލަޕޯޓް އަދި ރިޔާދު މަހަރޭޒްއާއި ގުންޑޮގަންއެވެ. ގުންޑޮގަންގެ ގޯލަކީ ހިތްގައިމު ހިލޭ ޖެހުމެކެވެ.