ޕްރޮފެޝަނަލް ފުޓުބޯޅައިގައި 18 އަހަރު ކުޅުމަށްފަހު ނެދަލޭންޑްސްގެ ލެޖެންޑަރީ ފޯވަޑް ރޮބިން ވެން ޕާސީ އޭނާގެ ފަހު މެޗު ކުޅެފިއެވެ.

ނެދަލޭންޑްގެ ލީގުގެ ފޭނޫޑުން ކެރިއަރު ފެށި ޕާސީ އޭނާގެ ފަހު މެޗުވެސް ކުޅުނީ އެ ކްލަބުގެ ޖާޒީގައެވެ. އުމުރުން 35 އަހަރުގެ ޕާސީގެ ކެޕްޓަން ކަމުގެ ދަށުގައި މިރޭ ކުޅުނު މެޗުން އެޓީމު 2-0އިން ބަލިވި ނަމަވެސް، ސަޕޯޓަރުން ވަނީ ފުރިހަމައަށް އޭނާއަށް އިހުތިރާމް ދީފައެވެ.

2001 ވަނަ އަހަރު ކެރިއަރު ފެށި ޕާސީ ވަނީ ޕްރިމިއާ ލީގުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. 2004 ވަނަ އަހަރު އާސެނަލްއަށް ސޮއިކޮށް، ވެން ޕާސީ ވަނީ އެޓީމަށް 194 މެޗުން 96 ގޯލް ޖަހައިދީފައެވެ. އާސެނަލްއާއެކު އެފްއޭކަޕްވެސް ކާމިޔާބުކުރި ވެން ޕާސީ އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅެފައިވާ އިރު، އޭނާ ވަނީ ޔުނައިޓެޑާއެކު ޕްރިމިއާ ލީގުވެސް އުފުލާލާފައެވެ.

ޕްރިމިއާ ލީގުގެ ރަން ބޫޓު ދެފަހަރަށް ހޯދާފައިވާ ޕާސީ ވަނީ ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީ 50 އަށްވުރެ ގިނަ ގޯލް ޖަހައިދީފައެވެ.

މި ސީޒަން ފެށުމުގެ ކުރިން ޕާސީ ރިޓަޔާކުރާނެ ކަން އިއުލާން ކޮށްފައިވާ އިރު، އޭނާ ދެން ފެންނާނެ ވަކި ދާއިރާއެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ލަފާކުރެވޭ ގޮތުގައި ވެން ޕާސީ ބޮޑަށް ފެންނާނީ ކްލަބު ހިންގުމުގެ ދާއިރާއިންނެވެ.