އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓު ތިން ކުޅުންތެރިޔަކު ހޯދައިފިއެވެ.

މިއަހަރުގެ ޕްރިމިއާ ލީގުގެ ރަން ބޫޓު ހޯދާފައިވާ ކުޅުންތެރިންނަކީ މިދިޔަ އަހަރުގެ ރަން ބޫޓު ހޯދި ލިވަޕޫލްގެ މިސްރު ފޯވަޑް މުހައްމަދު ސަލާހާއި، އެ ކްލަބުގެ ސެނެގާލް ފޯވަޑް ސަޑިއޯ މާނޭގެ އިތުރުން އާސެނަލްގެ ފޯވަޑް ޕިއޭ އެމެރިކް އަބަމަޔާންއެވެ.

އޭގެން ކޮންމެ ކުޅުންތެރިޔަކުވެސް މިދިޔަ ސީޒަންގައި ވަނީ 20 ގޯލް ޖަހާފައެވެ. އިއްޔެގެ މެޗުތަކަށް ނުކުތް އިރު، ސަލާހާއި އަގުއޭރޯ ރަން ބޫޓަށް ވާދަކުރި އިރު، އަގުއޭރޯއަށް މަދުވީ އެންމެ ގޯލެކެވެ. އަބަމަޔާންގާއި މާނޭ އިއްޔެ މެޗުތަކުގައި ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހުމުން ސަލާހާ ވަނީ އެއްވަރު ވެފައެވެ.

މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ ތަށި ދިފާއުކުރި އިރު، މިއަހަރުގެ ލީގުގެ އެންމެ މޮޅު ޕްލޭމޭކަރަކަށް ހޮވިފައި ވަނީ ޗެލްސީގެ އެޑެން ހަޒާޑެވެ. އަދި ރަން އަންގި ލިބިފައި ވަނީ މި ސީޒަނަށް ލިވަޕޫލަށް ބަދަލުވި ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ އަށެވެ.

މި ސީޒަނަށް 65 މިލިއަން ޕައުންޑްގެ އަގަކަށް ލިވަޕޫލަށް ބަދަލުވި އެލިސަންގެ ފަރާތުން މޮޅެތި ސޭވްތަކެއް ސީޒަންގައި ފެނިގެން ދިޔަ އިރު، އޭނާ ރަން އަންގި ހޯދީ 21 ކްލީންޝީޓާއެކުގައެވެ.