އިނގިރޭސިވިލާތުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލޭނެ ސަސްޕެންޝަނެއް އަންނަން ޖެހޭ ކަމަށް ޔޫއެފާގެ އިންވެސްޓިގޭޓަރުން ބުނެފިއެވެ.

ފައިނޭންޝިއަލް ފެއާޕްލޭއާ ހިލާފަށް ސިޓީން ބައެއް ކަންތައްތައް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނާ އިރު، އެ ނިންމުން ނިންމަން ޔޫއެފާއިން އިންޑިޕެންޑެންޓް ފައިނޭންޝިއަލް ކޮންޓްރޯލަރުންގެ ބޯޑުގެ ގިނަ މެމްބަރުން ބޭނުންވާ ކަމަށް ވެއެވެ. އެހެން ނަމަވެސް އެ ނިންމުން އޮތީ، ކުރީގެ ބެލްޖިއަމް ޕަރިމް މިނިސްޓަރު އަދި މިހާރު ޔޫއެފާ ބޯޑުގެ ޗެއާމަން ޔުވިސް ލެޓާމޭ އަތުގައެވެ.

އެފަދަ ނިންމުންތަކަކީ ވޯޓަކަށް ދާނެ ނިންމުންތަކެއް ނޫނެވެ. ތަހުގީގުގެ މަރުހަލާ ނިމި، އެފަދަ ބޮޑު އަދަދަކުން އޮޅުވާލައިފައިވާނަމަ، ބޯޑުގެ ޗެއާމަނަށް ވަގުތުން ފިޔަވަޅު އެޅޭނެއެވެ. އަދި އެންމެފަހުން ބޭއްވި ބައްދަލުވުމުގައި ބޯޑުގެ އިންވެސްޓިގޭޓަރުން ލަފާ ދީފައި ވަނީ ސިޓީއަށް ޔޫރަޕްގެ މުބާރާތްތަކުން އެއް އަހަރު ނުކުޅެވޭ ގޮތަށް ސަސްޕެންޑް ކުރުމަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން 2014 ވަނަ އަހަރުވެސް ސިޓީއަށް ބޮޑު ޖޫރިމަނާއެއް އައިސްފައިވާ އިރު، މިފަހަރު ސިޓީން އޮޅުވާލާފައިވާ ކަމަށް ބުނެފައިވާ އެއް ކަމަކީ ސްޕޮންސާޝިޕް ޑީލެކެވެ. އެގޮތުން އެތައް މިލިއަން ޑޮލަރެއްގެ ސްޕޮންސާޝިޕް ޑީލެއްގެ އަގު މަތިކޮށް، އޮޅުވާލާފައިވާ ކަމަށް ވެއެވެ.

ސިޓީއާ ދެކޮޅަށް ދެކެވޭ ވާހަކަތަކަށް ކްލަބު އިންކާރު ކޮށްފައިވާ އިރު، ޔޫއެފާއިން ރަސްމީ ސިފައެއްގައި އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.