އިންޑިއާ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ކުރިން ކްރޮއޭޝިއާގެ ކޯޗު ކަމުގައި ހުރި އީގޯ ސްޓިމެކް ހަމަޖައްސައިފިއެވެ.

އިންޑިއާގެ ކޯޗު ކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރި ސްޓެފަން ކޮންސްޓެންޓައިން އެ މަގާމު ދޫކޮށްލީ އޭޝިއަން ކަޕަށް ފަހުގައެވެ. އިންޑިއާގެ ފުޓުބޯޅައަށް ބޮޑެތި ކުރިއެރުންތަކެއް ގެނައި ކޮންސްޓެސްޓައިން އެޓީމު އޭޝިއަން ކަޕަށްވެސް ގެންގޮސް ދިން އިރު، އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުން އިންޑިއާ ކެޓީ ވަރަށް ހިތްދަތި ކޮށެވެ. އެ ބައްޔާއެކު ކޮންސްޓެސްޓައިން ވަނީ މަގާމު ދޫކޮށްލާފައެވެ.

އިންޑިއާއާ އަލަށް ހަވާލު ކޯޗު ސްޓިމެކް ވަނީ ކްރޮއޭޝިއާގެ ބައެއް ކްލަބުތަކަށްވެސް ކޯޗުކަން ކޮށްދީފައެވެ. އެންމެ ފަހުން އޭނާ މަސައްކަތް ކޮށްފައި ވަނީ ގަތަރުގެ ކްލަބެއްގައެވެ.

"އަހަރެންނަކީ އަބަދުވެސް އާ ބޮޑެތި ޗެލެންޖުތަކަށް މަރުހަބާ ކިޔާނެ މީހެއް. އިންޑިއާގެ ހިތްގައުމުކަމާއެކު، މިގައުމުގެ ފުޓުބޯޅައަކީ ނިދާފައިވާ ބޮޑު ބާރެއް،" ސްޓިމެކް ބުނެފައިވެއެވެ.

ކުޅުންތެރިއެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ވެސްޓް ހަމް ފަދަ ކްލަބުތަކަށްވެސް ކުޅުނު ސްޓިމެކް ބުނެފައި ވަނީ އޭނާ ވަރަށް ރަނގަޅަށް އައިލީގާއި، އިންޑިއާގެ ފުޓުބޯޅައިގެ ޔޫތު ސިސްޓަމަށް ވިސްނާފައިވާ ކަމަށެވެ. އަދި އިންޑިއާގެ އިދާރާތަކުން ޔޫތު ސިސްޓަމް ހަރުދަނާ ކުރުމަށް ގެންގުޅޭ ވިސްނުމަށް ވަރަށް ބޮޑަށް ތައުރީފް ކުރާ ކަމަށްވެސް ޔޫގޯސްލޮވާކިޔާއާއެކު 1987 ވަނަ އަހަރު ޗިލީގައި އޮތް ފީފާ ޔޫތު ޗެމްޕިއަންޝިޕް އުފުލާލި ސްޓިމެކް ބުނެފައިވެއެވެ.