ފްރާންސް އަށް އުފަން އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމައިފިއެވެ.

މި ސީޒަން ފެށުމުގެ ކުރިން ގްރީޒަމަން ބާސެލޯނާއަށް ބަދަލުވުގެ ހުރިހާ ކަމެއް ނިމިފައި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނިކޮށް، އޭނާ ވަނީ ވޯލްޑް ކަޕް ފެށުމުގެ ކުރިން އެތުލެޓިކޯއާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން ގްރީޒްމަންގެ ބައި އައުޓް ކްލޯސްއަކި 119 މިލިއަން ޔޫރޯއެވެ. ގްރީޒްމަން އެތުލެޓިކޯ ދޫކޮށްލާނެ ކަމަށް އިއުލާން ކޮށްފައިވާ އިރު، ބާސާއިން އޮތީ އެ އަގު ދީގެން ގްރީޒްމަން ގެންދަން ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 28 އަހަރުގެ ގްރީޒްމަން ބުނީ އޭނާ ކްލަބް ބަދަލުކުރަން ނިންމާފައިވަނީ އާ ކަންތަކެއް ދަސްކުރުމަށާއި އާ ޗެލެންޖެއް ނެގުމުގެ ގޮތުން ކަމަށެވެ.

"ހަގީގަތަށް ބުނާނަމަ މިއީ ވަރަށް އުނދަގޫ ނިންމުމެއް. އެކަމަކު މިއީ ކެރިއަރަށް މުހިއްމު ނިންމުމެއް. ވޭތުވެދިޔަ ފަސް އަހަރު އަހަންނަށް ދިން ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މިދަނީ އެތްލެޓިކޯ ހިތުގައި ލިޔެ ފޮރުވައިގެން. އެ ނަމެއް ނުފޮހެވޭނެ. މިއީ އަބަދުވެސް އަހަރެން ލޯބިވާނެ ކްލަބެއް،" ގްރީޒަމަން ބުނެފައިވެއެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ގްރީޒްމަން ގަތުމަށް ބާސެލޯނާއިން ބްރެޒިލްގެ ދެ ވިންގުން ކަމަށްވާ ކުޓީނިއޯއާއި މެލްކޮމް ދޫކޮށްލާނެއެވެ.