ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބު، ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރި ސަބަބާ މެދު، ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ތަޖުރިބާ ބޮޑު އެއް ކުޅުންތެރިޔާ އިމްރާން މުހައްމަދު ސުވާލު އުފައްދައިފިއެވެ.

ގައުމީ ޓީމުގެ ގޯލް 17 އަހަރު ދުވަސް ވަންދެން ބެލެހެއްޓި އިންމަ، "ވަގުތު"އަށް ބުނެފައި ވަނީ ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށް، ކޮންގްރެސްގައި ސަސްޕެންޝަން ދެމެހެއްޓީ ކުޅުންތެރިންގެ ހައްގުގައި ކަމަށް ތަކުރާރުކޮށް އެފްއޭއެމްއިން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުޅުންތެރިންގެ ހައްގު ކަމަށްވާ، ކުޅުންތެރިންނަށް ލިބެން ޖެހޭ މުސާރަ ހޯދައި ދިނުމަށް މިވީހާ ތަނަށްވެސް އެފްއޭއެމްއިން މަސައްކަތް ނުކުރާ ކަމަށް އިންމަ ބުނެފައިވެއެވެ.

" ވަރަށް ބިކަ ހާލިގައި މިތިބީ އަދިވެސް. ކުޅުންތެރިންގެ ހައްގުގައި ހޯދައިދޭން ޖެހޭ މުސާރަ ހޯދަން ނިއު ސަސްޕެންޑް ކުރީ. އެކަމަކު އަދިވެސް އެއްވެސް ކުޅުންތެރިއަކަށް ލިބެން ޖެހޭ އެއްވެސް ފައިސާއެއް ލިބިފައެއް ނެތް. މިހާރު މިއޮތްގޮތުން އެއްވެސް ގޮތަކަށް ނިއު ރޭޑިއަންޓަށް އެ ފައިސާ ހޯދޭކަށްވެސް ނެތް. ސަސްޕެންޑް ކޮށްފައި އޮތުމުން އެފްއޭއެމްއިން ދޭ ފައިސާވެސް ނުލިބޭނެތާ ނިއުއަކަށް. އެހެންވީމާ ނިއުއަށް މުސާރަ ނުދެވޭ އިރު، އެފްއޭއެމްއިންވެސް ނެތް ކުޅުންތެރިންނަށް އެ ހޯދައިދޭން ގޮތެއް،" އިންމަ ބުންޏެވެ.

އެފްއޭއެމްއިން ނިއު ސަސްޕެންޑް ކޮށްފައި ވަނީ ވޭތުވެދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މިއަދާ ހަމައަށް 10 ކުޅުންތެރިއަކަށް ދޭން ޖެހޭ ޖުމުލަ 3.8 މިލިޔަން ރުފިޔާ އަށްވާ މުސާރައާއި އުޖޫރަ އެކުލަބުން ދައްކާފައި ނުވާތީއާއި އެކަމާ ގުޅިގެން ތަފާތު އެކި ފަހަރު މަތިން އެފްއޭއެމްގެ ޕްލޭޔަރ ސްޓެޓަސް ކޮމިޓީއަށް ހާޟިރު ކުރެވި މައްސަލަ ހުށަހަޅާފައިވާ ކުޅުންތެރިންނަށް ދޭން ޖެހޭ އުޖޫރަ ދިނުމަށް އެތައް މުހުލަތެއް ދިނުމަށްފައެވެ.

އެ ސަސްޕެންޝަން އެފްއޭއެމްގެ އާންމު ޖަލްސާގައި ކްލަބުތަކުގެ ވޯޓާއެކު ދަމަހައްޓާފައިވާ އިރު، ނިއުގެ މުސާރައިގެ މައްސަލަތަކެއް ފީފާއިންވެސް ވަނީ ނިންމާފައެވެ. އެގޮތުން އަފްގާނިސްތާން ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރީއަށްވެސް ނިއު 40،000 ޑޮލަރު ދިނުމަށް ފީފާއިން ވަނީ އަންގާފައެވެ.

އިންމަގެ ފޭސްބުކްގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އެފްއޭއެމްއިން ނިއު ސަސްޕެންޑް ކުރީ ކުޅުންތެރިން ހައްގު ހޯދައިދޭންތޯ، އެފްއޭއެމްގެ ނޯ ކޮންފިޑެންސުން ސަލާމަތްވުމަށްތޯ ނޫނީ އެހެން ކްލަބުތަކަށް ރަނގަޅަކަށްތޯ ސުވާލު އުފައްދާފައެވެ.

ކުރިއަށް އޮތް ސީޒަން ޖޫން މަހު ފަށާއިރު، އެ ސީޒަން ވެގެންދާނީ 1979 ވަނަ އަހަރުން ފެށިގެން ނިއުއާ ނުލާ ކުޅޭ ފުރަތަމަ ފުޓުބޯޅަ ސީޒަނަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޢަލީ

  ދަނޑަށް ގާ ވެސް އުކާނަން. ލާހިކެއް ނޫން މެޗު ތައް ކުޅޭކަށް

  13
  3
 2. ކަމަނަ

  ހީވަނީ އުމުރައް އެފުއޭއެމް ގެރައީސްކަމުގަހުރެވޭނެހެންދޯ އަދިވެސްތިކަމެއްނުވާނެ ނިވުރޭޑިއަންޓު ވުޖޫދުގައޮންނާނެ ބައްސާމް ތިތަނުންދާޖެހޭނީ

  9
  1