ފުޓުބޯޅަ ކުޅުންތެރިޔަކަށް ލިބޭނެ އެންމެ ހިތްދަތި ހަބަރަކަށްވާނީ އަނިޔާއެއްގެ ސަބަބުން ކެރިއަރު ހުއްޓާލަން ޖެހޭ ކަމަށް ޑޮކްޓަރު ބުނާ ބުނުމެވެ. އަދި އަނިޔާއަކުން ސަލާމަތް ނުވެވި، އެތަކެއް ސަތޭކަ ދުވަހެއް، ބަި އެނދުގައި އޮންނަން ޖެހުމަކީ ކުޅުންތެރިޔަކު މާޔޫސް ކޮށްލާނެ އެންމެ ބޮޑު އެއް ކަމެވެ. އާސެނަލްއަށް ކުޅެމުންދިޔަ ސަންތި ކަޒޯލާގެ ވާހަކަ މަޝްހޫރުކަން ހޯދީ މީގެ ދުވަސް ކޮޅެއް ކުރިންނެވެ.

އާސެނަލްއަށް ކުޅެނިކޮށް، ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަޒޯލާ ސާޖަރީ ހެދީ ރަނގަޅުވާނެ ކަމުގެ އުންމީދުގައެވެ. އެކަމަކު ކަންކަން ދިޔައީ ގޯހުން ގޯހަށެވެ. ސާޖަރީ ހަދާފައިވާތަން އިންފެކްޓްވެ، އިތުރު ސާޖަރީތަކެއްވެސް ހަދަން ޖެހުނު އިރު، ކަޒޯލާ ސަލާމަތްވީ ކަކުލާއި ފައިތިލައިގެ ސާޖަރީވެސް ހަދައިގެންނެވެ. ކަޒޯލާ ފައިން އަށް ސެންޓިމީޓަރު ހާތަން ބެކްޓީރިއާ ކާލާފައިވާ އިރު، އަލުން މަސްތައް ރަނގަޅު ކުރީ އެހެން ދިމާލަކުން މަސްތައް ނަގައިގެންނެވެ.

ކަޒޯލާއަށް ކުޅެވޭނެ ކަމަށް ޑޮކްޓަރު ކުޑަވެސް އުންމީދެއް ނުދެއެވެ. ފޯމުގައި ހުރެ ކުޅެމުން އައި ކެރިއަރު ނިންމާލަން ޖެހުނީއެވެ. ސްޕެއިންގެ ގައުމީ ޖާޒީއަށް އޭރު ކަޒޯލާ އަލުން އުންމީދުވެސް ނުކުރާނެކަން ޔަގީނެވެ.

ޑޮކްޓަރުގެ ލަފައާ ހިލާފަށް، އަމިއްލަ ބުރަ މަސައްކަތުން ކަޒޯލާ މިދިޔަ އަހަރު ދަނޑު މައްޗަށް އައީ 668 ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހުއެވެ. މިދިޔަ އަހަރު ޖުލައި މަހު އާސެނަލްއިން ވިލަރެއާލްއަށް ކަޒޯލާ ބަދަލުވީ އަގަކާ ނުލައެވެ. އެއީ ކެރިއަރު އަނބުރާލި ހިސާބުވެސްމެއެވެ. ވިލަރެއާލް ރެލިގޭޝަނުން ސަލާމަތް ކޮށްދިނުމަށް ކަޒޯލާ މުހިއްމު ރޯލެއް އަދާކުރި އިރު، މި ސީޒަނުގައިވެސް އޭނާ ވަނީ 37 މެޗު ކުޅެ، ހަތަރު ގޯލް ޖަހާ، 10 އެސިސްޓް ހަދާފައެވެ.

އެ ކުޅުމާއެކު ކަޒޯލާގެ އުންމީދީ ހުވަފެން އަނެއްކާވެސް ހަގީގަތަކަށް އައެވެ. މީގެ ކުރިން ގައުމީ ޓީމަށް 77 މެޗު ކުޅެ، 14 ގޯލްވެސް ޖަހާފައިވާ ކަޒޯލާއަށް އަނެއްކާވެސް ގައުމީ ޖާޒީ ލުމުގެ ފުރުސަތު ލިބުނެވެ. ޖޫން މަހު އޮންނަ ސްޕެއިންގެ ޔޫރޯ ކޮލިފިކޭޝަން ދެ މެޗުގެ ސްކޮޑަށްވެސް ކަޒޯލާ ނަގާފައިވާ އިރު، އޭނާއަށް ގައުމީ ޖާޒީ މިފަހަރު ހާއްސަ ވާނެއެވެ.