މަޝްހޫރު ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނާ ރޮނާލްޑޯ ރޯދަ މަހާ ދިމާކޮށް ފަލަސްތީނުގެ ގާޒާގެ ރައްޔިތުނަށް 1.5 މިލިޔަން ޑޮލަރުގެ ދީލަތި އެހީއެއް ވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔުވެންޓަސްގެ ތަރި ރޮނާލްޑޯ ގާޒާއަށް އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތާމަތައް ލުއި ކޮށްދިނުމުގެ ބޭނުމުގައި ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ. އަދި މިފައިސާ ބޭނުން ކުރާނީ ގާޒާގައި ރޯދަ ވިއްލާނެ ގޮތެއް ނެތް މީހުންގެ ރޯދަ ވިއްލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ރޮނާލްޑޯ އޭނައަށް ލިބިފައިވާ ގޯލަޑަން ބޫޓް 2012 ވަނަ އަހަރު ނީލަމުގައި ވިއްކާލުމަށް ފަހު ލިބުނު ފައިސާ، ފަލަސްތީނުގައި ސްކޫލް ތަކެއް އިމާރާތް ކުރުމަށްވަނީ ހަދިޔާކޮށްފައެވެ. އެއީ 1.5 މިލިޔަން ޑޮލަރެވެ.

މީގެ އިތުރުންވެސް ރޮނާލްޑޯ ފާހަގަވެފައިވަނީ އިސްރާޢީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާ ކުށްވެރިކުރަމުން އަންނަ ކުޅުން ތެރިއެއްގެ ގޮތުގައެވެ. އަދި އިސްރާޢީލުން ގެންގުޅެމުން އަންނަ ސިޔާސަތުތަކަށް ފާޅުގައި ފާޑު ކިޔަމުން އަންނަ ފަރާތެކެވެ. މިގޮތުން 2016 ވަނަ އަހަރު ޕޯޗުގަލާއި އިޒްރޭލްގެ ދެމެދުގައި ކުޅުނު ވޯލްޑްކަޕް ކޮލިފައިން މެޗުގެ ކުޅުން ނިމުމަށް ފަހު އިޒްރޭލް ކުޅުންތެރިއެއްގެ ޖޯޒީ ރޮނާލްޑޯގެ ޖޯޒީއާއި ބަދަލުކުރަން އުޅުމުން ރޮނާލްޑޯ ވަނީ އެކަމާއި ދެކޮޅު ހަދާފަ އެވެ.