އެއް ސީޒަނެއްގައި އިނގިރޭސި ޑޮމެސްޓިކް ތިން ތަށި ކާމިޔާބުކުރި ހަމައެކަނި ޓީމުގެ ޝަރަފު މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

އިނގިރޭސި އެންމެ ޝަރަފުވެރި މުބާރާތް އެފްއޭ ކަޕް ސިޓީން ރޭ އުފުލާލި އިރު، އެޓީމުން ވަނީ މި ސީޒަންގެ ލީގުވެސް، އަދި ލީގު ކަޕްވެސް ކާމިޔާބު ކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ޓޮޓެންހަމް އަތުން ކެޓި ނަމަވެސް، ލީގުގެ ފަހު ދުވަހުގައި ސިޓީން ވަނީ ލިވަޕޫލްގެ މައްޗަށް ގަދަވެ، ލީގު ދިފާއުކޮށްފައެވެ.

ޖެހިޖެހިގެން ދެވަނަ ލީގު ތަށްޓާއެކުވެސް ސިޓީން އިނގިރޭސި ތާރީހުގެ މުހިއްމު މަގާމަކުން ޖާގަ ހޯދި އިރު، ޕްރިމިއާ ލީގާއި، ލީގު ކަޕް އަދި އެފްއޭ ކަޕް އެއް ސީޒަނެއްގައި ކާމިޔާބު ކުރި ހަމައެކަނި ޓީމަކީވެސް ޕެޕް ގާޑިއޯލާގެ ސިޓީއެވެ.

ރޭ ވެމްބްލީގައި ކުޅުނު ފައިނަލްގައި ސިޓީން ވަޓްފޯޑް ބަލިކުރީ 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފަސޭހަކަމާއެކު ސިޓީން ކާމިޔާބުކުރި މެޗުގައި ރަހީމް ސްޓާލިން ވަނީ ހެޓްރިކް ހަދާފައެވެ. އިތުރު ގޯލްތައް ޖަހައިދިނީ ގެބްރިއަލް ޖެސުސް އަދި ޑޭވިޑް ސިލްވާއެވެ. ޖެސުސް ވަނީ ދެ ގޯލް ޖަހާފައެވެ.

ރޭގެ މެޗަށްފަހު ގާޑިއޯލާ ބުނެފައި ވަނީ އެންމެ ބޮޑު ޓާގެޓަކީ ޔޫރަޕްގެ ރަސްކަމަށް ދިޔުން ނަމަވެސް، އިނގިރޭސިވިލާތުގައި ސިޓީ ހޯދި ކާމިޔާބީއަކީ އެންމެ އުނދަގޫ އެއް ކަންތައް ކަމަށެވެ. އަދި އެ ކާމިޔާބީތަކާއެކު މިހާރު އެނގޭ އެއްޗަކީ ސިޓީއަކީ ދުނިޔޭގައިވެސް އެންމެ މޮޅު އެއް ޓީމު ކަން ކަމަށްވެސް ގާޑިއޯލާ ބުނެފައިވެއެވެ.

ފީފާ ފައިނޭންޝިއަލް ފެއާ ޕްލޭގެ މައްސަލަތަކަކާ ގުޅިގެން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ސިޓީއަށް ފުރުސަތު ގެއްލި ދާނެ ކަމަށް ބެލެވިފައިވާ އިރު، ގާޑިއޯލާ ބުނެފައި ވަނީ ސާބިތު ނުވާހާ ހިނދަކު ސިޓީ ކުށްވެރި ނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް ސިޓީގެ ވެރިން ޔަގީންކަން ދީފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.