ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓްގެ ބަދަލުގައި އެހެން ޓީމަކަށް ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްއިން ނިއު ސަސްޕެންޑް ކޮށްފައި ވަނީ ވޭތުވެދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މިއަދާ ހަމައަށް 10 ކުޅުންތެރިއަކަށް ދޭން ޖެހޭ ޖުމުލަ 3.8 މިލިޔަން ރުފިޔާ އަށްވާ މުސާރައާއި އުޖޫރަ އެކުލަބުން ދައްކާފައި ނުވާތީއާއި އެކަމާ ގުޅިގެން ތަފާތު އެކި ފަހަރު މަތިން އެފްއޭއެމްގެ ޕްލޭޔަރ ސްޓެޓަސް ކޮމިޓީއަށް ހާޟިރު ކުރެވި މައްސަލަ ހުށަހަޅާފައިވާ ކުޅުންތެރިންނަށް ދޭން ޖެހޭ އުޖޫރަ ދިނުމަށް އެތައް މުހުލަތެއް ދިނުމަށްފައެވެ.

އެ ސަސްޕެންޝަން އެފްއޭއެމްގެ އާންމު ޖަލްސާގައި ކްލަބުތަކުގެ ވޯޓާއެކު ދަމަހައްޓާފައިވާ އިރު، ނިއުގެ މުސާރައިގެ މައްސަލަތަކެއް ފީފާއިންވެސް ވަނީ ނިންމާފައެވެ. އެގޮތުން އަފްގާނިސްތާން ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރީއަށްވެސް ނިއު 40،000 ޑޮލަރު ދިނުމަށް ފީފާއިން ވަނީ އަންގާފައެވެ.

އެޓީމަށް މިފަހަރުގެ ސީޒަނުން ފުރުސަތު ގެއްލޭ އިރު، އޭގެ ބަދަލުގައި މިދިޔަ އަހަރު ރެލިގޭޓްވި ވެލެންސިއާއަށް ފުރުސަތު ދޭ ކަހަލަ ވާހަކަތަކެއްވެސް ދެކެވިފައިވެއެވެ. އެހެން ނަމަވެސް ބައްސާމްގެ ޓްވީޓްގައި ވިދާޅުވީ އިތުރު ޓީމަކަށް ޖާގަ ނުދޭނެ ކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެރެޓަރީ ހުސައިން ޖަވާޒު (ޖަވާ) "ވަގުތު"އަށް ވިދާޅުވީ މިވަގުތު ޕްރިމިއާ ލީގުގައި ވާދަކުރުމަށް އެލިޖިބަލް ނުވަ ޓީމު އެބައޮތް ކަމަށެވެ. އޭގެ ތެރެއިން އަތޮޅު ތެރެއިން ވާދަކުރަނީ ފޯކައިދުއާއި ނިލަންދުއެވެ. ދެން ވާދަކުރާނީ މާލޭގެ ކްލަބުތަކެވެ. ޖަވާ ވިދާޅުވީ ހުރިހާ ކްލަބެއްގެ ކްލަބު ލައިންސަންސިން ކަންތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

މިއަހަރު ސީޒަން އަންނަ މަހު ފަށާނެއެވެ. ޕްރިިމިއާ ލީގަށް ފަހު މިނިވަން ޗެމްޕިއަންޝިޕް ސެޕްޓެންބަރު މަހު އޮންނަ އިރު، އޭގެފަހުން ދެވަނަ ޑިވިޝަނާއި އެފްއޭ ކަޕް އަދި ޕްރެސިޑެންޓްސް ކަޕްވެސް ތާވަލުގައި ހިމަނާފައިވެއެވެ.