މި ސީޒަނުގެ އިނގިރޭސި ތިން ތަށި ކާމިޔާބުކުރި މެންޗެސްޓާ ސިޓީގެ ކެޕްޓަން، ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ އެ ކްލަބު ދޫކޮށްލާނެ ކަމަށް އޭނާ އިއުލާން ކޮށްފިއެވެ.

ސިޓީން ރޭ އެފްއޭ ކަޕް ކާމިޔާބު ކުރި އިރު، އެޓީމުން ވަނީ ލީގު ތަށި އަދި ލީގު ކަޕްވެސް ދިފާއުކޮށްފައެވެ. ސިޓީ ވެފައި ވަނީ އިނގިރޭސި ތިން ތަށި އެއް ސީޒަނެއްގައި ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. ކޮމްޕެނީގެ ފޭސްބުކް ޕޭޖުގައި ސޕޯޓަރުންނަށް ދީފައިވާ މެސެޖުގައި ބުނެފައި ވަނީ ސިޓީގައި ހޭދަކުރި 11 ސީޒަނަށްފަހު އޭނާ ކްލަބު ދޫކޮށްލާނެ ވަގުތު ޖެހިފައިވާ ކަމަށެވެ.

ކޮމްޕެނީ ފޭސްބުކްގައި ކޮށްފައިވާ އަސަރުގަދަ ޕޯސްޓެއްގައި ބުނެފައި ވަނީ ސިޓީން ވަކިވާ ހަބަރު ދިނުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫން ކަމަށާއި، ސިޓީއަކީ އޭނާ ކެރިއަރުގައި ހުރިހާ ކަމެއް ފަހިކޮށްދިން ކްލަބު ކަމަށެވެ. އަދި ލޯޔަލް ސަޕޯޓަރުން އަބަދުވެސް ކޮށްފައިވާ އިތުބާރު ހަނދާން ނުނެތޭނެ ކަމަށާއި، ސިޓީ ކޮށްދިން ކަންތަކުގެ ބަދަލު އެންމެ އެކަށީގެންވާ ގޮތެއްގައި އަދާކުރުމަށް ކޮންމެ ދުވަހަކުވެސް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ކޮމްޕެނީ ބުނެފައި ވަނީ ސިޓީއަށް ކުޅެން ފެށި ފުރަތަމަ ދުވަހުން ފެށިގެންވެސް ހުރިހާ ކަމެއް އޭނާ ހަނދާނުގައި އެބަހުރި ކަމަށާއި، އޭނާއާއެކު ސިޓީއަށް ކުޅުނު ހުރިހާ ކުޅުންތެރިންނާއި އާއިލާއަކީ ކާމިޔާބީތަކުގެ ސިއްރު ކަމަށެވެ. އަދި ހަމަ އެހެންމެ ހުރިހާ ސިޓީ ސަޕޯޓަރުންނާއި އޭނާއަށްވެސް ސިޓީގެ އަލި ދުނިޔެއަށް ގެންގޮސް ދިނީ ސިޓީގެ ވެރިޔާ ޝެއިޚް މަންސޫރު ކަމަށާއި، ސިޓީގެ ކައުސިލްގައި ހިމެނޭ ހަލްދޫން އަލް މުބާރަކާއެކު ސިޓީގެ މިސްރާބު ހުރީ އެންމެ ރަނގަޅަށް ކަމަށް ޔަގީން ކުރެވޭ ކަމަށެވެ.

ޕެޕް ގާޑިއޯލާއަށްވެސް ޝުކުރު އަދާކޮށްފައިވާ އިރު، ކޮމްޕެނީ ބުނެފައި ވަނީ ރިގްރެޓް ކުރަނީ އެންމެ ކަމަކަށް ކަމަށެވެ. އެއީ އޭނާގެ މަންމައަށް އެތިހާދު ސްޓޭޑިއަމްގައި ކާމިޔާބީތައް ބަލާލުމުގެ ފުރުސަތ ު ނުލިބުނީތީ ކަމަށެވެ. އެހެން ނަމަވެސް އެއީ އަބަދުވެސް ހިތްވަރު ކަމަށް ކޮމްޕެނީ ބުނެފައިވެއެވެ.

ކޮމްޕެނީގެ މެސެޖުގައި ބުނެފައި ވަނީ ދާދި އަވަހަށް ދެން އޭނާ ކުޅޭނެ ކްލަބެއް ނިންމާނެ ކަމަށެވެ.