އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އެންމެ ފަހުގެ މުބާރާތުން ރަން މެޑަލް ހޯދި ދުވުންތެރިޔާ ހަސަން ސާއިދު ހިމަނައިގެން، މި އަހަރުގެ ގޭމްސްގައި ވާދަކުރަން 16 އެތުލީޓުންގެ ސްކޮޑެއް އިއުލާންކޮށްފިއެވެ.

ސާއިދު 100 މީޓަރ ދުވުމުން ރަން މެޑަލް ހޯދީ މީގެ ހަތަރު އަހަރު ކުރިންނެވެ. މި ޝަރަފާއި އެކު ސާއިދު ވެގެން ދިޔައީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރަން މެޑެއްޔެއް ހާސިލްކުރި ކުރި ފުރަތަމަ އެތުލީޓަށެވެ. ސާއިދާއި އެކީ ފިރިހެން ސްޕްރިންޓް ޓީމުގައި ހިމެނެނީ ސަރީސް އަހުމަދާއި އިބްރާހިމް އަފްޝާން އަލީ (އައްޕި) އާއި ނުޖޫމް ހަސަން އަދި އިބާދުﷲ އާދަމެވެ. އެ ފަސް ދުވުންތެރިން ތަމްރީންތައް ހެދުމަށް މާދަމާރޭ މެލޭޝިއާ އަށް ފުރާނެ އެވެ. ކޯޗަކީ އަހުމަދު ފާއިލެވެ.

މި މުބާރާތް ފަށަން ހަމަ ޖެހިފައިވަނީ ޖުލައި 28 ގައި މޮރިޝަސްގައެވެ. މުބާރާތުގައި ބައިވެރިވާ މިޑްލް އެންޑް ލޯންގް ޑިސްޓެންސް ޓީމުގައި ހިމެނެނީ ހުސެއިން ރިޒާ އާއި ހުސެއިން ފަޒީލް ހާރޫނާއި މުހައްމަދު ނާއިލާއި އަހުމަދު ޝަރަފް އަދި ޝިފާޒް މުހައްމަދެވެ. މީގެ ތެރެއިން ރިޒާ އާއި ފަޒީލް އަދި ނާއިލް ވަނީ އިންޑިއާ ކޯޗު ޝިވަނަންޑާ އަލަގަވަޑީގެ ބެލުމުގެ ދަށުން ތަމްރީން ހަދަން އިއްޔެ އިންޑިއާގެ ބެންގަލޫރަށް ފުރައިފަ އެވެ. ހާފް މެރެތަން އަށް ތައްޔާރުވުމަށް ޝިފާޒް ކެންޔާގައި ތަމްރީން ހަދަމުން އަންނައިރު ޝަރަފް އަންނަނީ މޮރޮކޯގައި ތަމްރީންތައް ކުރިއަށްގެންދަމުންނެވެ.

އަންހެން ޓީމަށް ބަލާލާއިރު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ މަރިޔަމް އަބްދުލްކަރީމް (މަރީ) އެވެ. މަރީ އަކީ ރާއްޖޭގެ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު، ހާފް މެރަތަން އަދި މެރެތަންގެ ރެކޯޑް އޮންނަ އެތްލީޓެވެ. މި މުބާރާތަކީ މަރީގެ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތްކަން ފާހަގަކޮށްލެވެއެވެ.

އަންހެން ޓީމުގައި ދެން ހިމެނެނީ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާކޮށް އަދި ދާދި ފަހުން ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދި ހިމްނާއެވެ. ދެން ހިމެނެނީ މަރިޔަމް އަލްހާ ހުސެއިނާއި ނަޝާ ނިޒާރާއި ސާރާ މަސްއޫދު އަދި އައިމިނަތު ޖާއިޝާ ޖުނީޒެވެ.

އެ ކޯޗުންގެ އިތުރުން އަބްދުﷲ އިބްރާހިމް (އަބުޅޯ) ވެސް ކޯޗިން ޓީމުގައި ހިމެނި ވަޑައިގަންނަވައެވެ. މެނޭޖަރުންނަކީ މުހައްމަދު އާމިރާއި ފާތިމަތު ޔަސްމާންއެވެ.