ލ. ގަމުގެ މަތިމަރަދޫ ޒުވާނުންގެ ފަރާތުން އިސްނަގައިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވާ "މަތިވަރު ފުޓްސަލް ޗެލެންޖް"ގެ ގްރޫޕް ސްޓޭޖު ކުޅުން ނިމި، ކުއާޓާ ފައިނަލް މެޗުތަކަށް ތައްޔާރު ވެއްޖެއެވެ.

މަތިވަރު ފުޓްސަލް ޗެލެންޖުގައި މިއަހަރު 19 ޓީމަކުން ވާދަކުރާ އިރު، ޓީމުތައް ބައިވެރިވުމަށް ހުޅުވާލެވިފައި ވަނީ މުޅި ރާއްޖެއަށެވެ. މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގެ ވަރުގަދަ ތަރިން ފެނިގެންދާ އިރު، ގްރޫޕް ސްޓޭޖުވެސް ނިމުނީ ފޯރިގަދަ ކޮށެވެ.

ކުއާޓާގެ މެޗުތައް އޮންނާނީ މިރެއާއި މާދަމާ ރޭގައެވެ.

ހަތަރު ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުރިއަށް ގެންގޮސްފައިވާ އިރު، ތިން ގްރޫޕްގައި ފަސް ޓީމު ހިމެނެއެވެ. އަދި އަނެއް ގްރޫޕްގައި ހިމެނިފައި ވަނީ ހަތަރު ޓީމެވެ.

ފޮޓޯ/ މަތިވަރު ފުޓްސަލް ޗެލެންޖު

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ކުރިއށް ގޮސްފައިވާ އިރު، ގްރޫޕް އޭގެ އެއްވަނަ ހޯދައިގެން ކުއާޓާއަށް ދިޔައީ ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބެވެ. އެ ގްރޫޕްގެ ދެވަނައަށް މުންޑޫ ޒުވާނުންގެ ގުޅުން ދިޔަ އިރު، ގްރޫޕް ބީގެ އެއްވަނަ ހޯދީ އެންމެފަހުގެ ޗެމްޕިއަން ކާގަޅާއެވެ. ދެވަނައަށް ދިޔައީ ސިކްސް ސެންސަސް ލާމެވެ.

ގްރޫޕް ސީގެ އެއްވަނައަށް ވަރުގަދަ ގޯޅި ދިޔަ އިރު، އެ ގްރޫޕްގެ ދެވަނަ ހޯދީ އައުޓްރީފެވެ. ގްރޫޕް ޑީގެ އެއްވަނަ އަމިގޯސް އެސްސީ ހޯދި އިރު، ކަންމަތި އެސްސީ ދިޔައީ ދެވަނައަށެވެ.

މަތިވަރު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ އަގުހުރި އިނާމެއް ހުށަހެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދެވޭނެއެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ކާގަޅާ އެސްސީއެވެ.

މިދިޔަ އަހަރުގެ ފޯރިގަދަ ފައިނަލްގައި ކާގަޅާއިން ވަނީ ކަންމަތި ބަލިކޮށްފައެވެ. މިއަހަރުގެ ފައިނަލް އޮންނާނީ މިމަހު 24 ވަނަ ދުވަހުގެ ރޭގައެވެ. މުބާރާތުގެ މެޗުތައް އޮންނާނީ ގަމު މަތިމަރަދޫ ފުޓްސަލް ދަނޑުގައެވެ.

ފޮޓޯ/ މަތިވަރު ފުޓްސަލް ޗެލެންޖު

މިރޭ އޮންނަ ކުއާޓާ ފައިނަލްގެ މެޗުތައް:

21:30 – ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު – އައުޓްރީފް

22:30 – ކެފޭ 20 ކާގަޅާ އެސްސީ – ކަންމަތި އެސްސީ

މާދަމާ ރޭގެ ކުއާޓާ މެޗުތައް:

21:30 – ގޯޅި އެސްސީ – މުންޑޫ ޒުވާނުންގެ ގުޅުން

22:30 – އަމިގޯސް އެސްސީ – ސިކްސް ސެންސަސް ލާމު