މެންޗެސްޓާ ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ މެންޗެސްޓާ ސިޓީ ދޫކޮށްލާނެ ކަމަށް މިއަދު ކުރިން ވަނީ އިއުލާން ކޮށްފައެވެ. އަސަރުގަދަ މެސެޖަކާއެކު އެނާ ކްލަބަށް ކޮށްދިން ހިދުމަތަގައި ޝާމިލްވި އެންމެންނަށް ޝުކުރު އަދާކޮށް، ކްލަބު ދޫޫކޮށްލާނެކަން ކޮމްޕެނީ އިއުލާން ކުރުން ވެގެންދިޔައީ ކުއްލި ހަބަރަކަށެވެ. އެއްވެސް މީހަކަށް ކޮމްޕެނީގެ މިސްރާބު ހުރި ދިމާ އަންދާޒާ ކޮށްލަން ދަތިވިއެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ކޮމްޕެނީ މިވަނީ އޭނާގެ މިސްރާބުވެސް ދެވަނަ މެސެޖަކުން ކިޔައިދީފައެވެ. ސިޓީ ދޫކޮށް، އެނބުރި އުފަން ގައުމު ބެލްޖިއަމްއަށް އޭނާ ދާ ސަބަބުވެސް ކޮމްޕެނީ ކިޔައިދިނީ އަސަރުގަދަ މެސެޖަކުންނެވެ.

"އަހަރެންގެ ފުރަތަމަ ކްލަބު، އަހަރެން އަހަންނަށް ހަދައިދިން ކްލަބު އަންދަރްލެޗަކީ. މިދިޔަ އަހަރު އިންޓަނޭޝަނަލް ބްރޭކަށް ދިޔުމަށްފަހު އަހަރެން އެޓީމުގެ ތަމްރީނުތައް ބަލާލުމަށް ދިޔައިން. ދާދިފަހުން ކްލަބާ ހަވާލުވި ޗެއާމަން ކޯކޭއާއި ސްޕޯޓްސް ޑިރެކްޓަރު މައިކަލް ވާޝުރެން އަހަރެންގެ ލަފާ ހޯދި، އަންދަރްލެޗްގެ ތާރީހު އިޔާދަ ކުރުމަށް،" ކޮމްޕެނީ އޭނާ އެނބުރި ބެލްޖިއަމްއަށް ދާން ޖެހުނު ހިސާބު ކިޔާދީފައިވެއެވެ.

އަންދަރްލެޗްގެ ޕްލޭޔާ ކޯޗަކަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކޮމްޕެނީ ސޮއިކޮށްފައިވާ އިރު، ކޮމްޕެނީއަކީ އެ ކްލަބުގެ ހީރޯއެކެވެ. ކޮމްޕެނީގެ ކެރިއަރު ފެށި އަންދަރްލެޗަކީ ބެލްޖިއަމްގެ ތާރީހުގައި އެންމެ ކާމިޔާބު ކްލަބެވެ. އެންމެ ގިނައިން ލީގުވެސް ހޯދި ކްލަބު، މިހާރު އޮތީ ދަށް ހާލަތެއްގައެވެ. ކަންތައްތައް ހައްލު ކުރާނެ މެގަ ޕްލޭނަކަށް ބޭނުންވެފައެވެ.

"އަހަރެން އަޑުއެހިން ކްލަބުގެ ޕްރޮޖެކްޓްތައް ހިންގުމަށް ވެރިން ރާވާފައި ހުރި ކަންކަން. ޒުވާން ޖީލަކަށް އަންދަރްލެޗުގެ މެނޭޖުމަންޓްގެ ވިސްނުން އެބަހުރި. އެއީ މި ކްލަބުގެ ތާރީހީ ކާމިޔާބީތައްވެސް އައިސްފައިވާ ގޮތަކީ. އެކަން ކުރަން އަހަންނަށް ދައުވަތު ދިން ހިސާބުން ފަހަތަށް ޖެހެވޭކަށް ނެތް. އަހަންނަށް ކުރެވެން އޮތް ކަމެއް މި ކްލަބަށް ކޮށްދޭން ޖެހޭ. މިއީ ސިޓީއަށް ކިޔާއީ އަލްވަދާއެއް ނޫން. އަދި އެނބުރި އަންނާން. އެކަމަކު މިވަގުތު އަހަރެންގެ އެންމެ ޅައިރު ކްލަބު އެހީއަށް އެދެނީ. އެހެންވީމަ ކޮންމެހެންވެސް އެކަން ކޮށްދޭން މަޖުބޫރު،" ކޮމްޕެނީ ބުނެފައިވެއެވެ.