ހަވަނަ ފަހަރަށް ލަލީގާގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު، "ޕިޗިޗީ އެވޯޑު" ހޯދާ ލިއޮނަލް މެސީ ރެކޯޑަކާ ހަމަކޮށްފިއެވެ.

މި ސީޒަންގެ ލީގު ބާސާއިން ކާމިޔާބުކުރި އިރު، މިރޭ ބާސާއިން ކުޅުނު ފަހު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އެ މެޗުގައިވެސް ބާސާގެ ދެ ގޯލް ޖެހީ މެސީއެވެ. ސީޒަންގައި 36 ގޯލް އޭނާ ޖަހާފައިވާ އިރު، އެންމެ ގާތުން ވާދަކުރީ ބެންޒެމާއާއި ލުއިޒް ޝުއަރޭޒްއެވެ. އެކަމަކު އެ ދެކުޅުންތެރިންނަށްވުރެ 15 ގޯލް އިތުރަށް މެސީ ކާމިޔާބު ކޮށްފައިވެއެވެ.

މިއީ މެސީއަށް ޕިޗިޗީ އެވޯޑު ލިބުނު ހަވަނަ ސީޒަންގެ އިތުރުން ޖެހިޖެހިން އެ އެވޯޑު ލިބުނުވެސް ތިންވަނަ ސީޒަނެވެ. މިފަހަރުގެ އެވޯޑާއެކު މެސީ ވަނީ މީގެ 66 އަހަރު ކުރިން އެތުލެޓިކޯ ބިލްބާއޯގެ ޓެލްމޯ ޒާރާ ހަދާފައިވާ ރެކޯޑާ ހަމަހަމަ ކޮށްފައެވެ.

މިއީ މިހާތަނަށް ޕިޗިޗީ އެވޯޑު އެންމެ ބޮޑު ތަފާތަކުންވެސް ކާމިޔާބު ކުރި ފަހަރެވެ. މީގެ ކުރިން 1987 ވަނަ އަހަރު ހޫގޯ ސަންޗޭޒް އެވޯޑު ކާމިޔާބުކުރީ 14 ގޯލްގެ ތަފާތަކުންނެވެ. އެއީ މީގެ ކުރިން އެންމެ ތަފާތު ބޮޑުކޮށް އޮތް ރެކޯޑެވެ.