ކޮޕާއެމެރިކާ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުނުގެ ގޮތުން އާޖެންޓީނާއިން ނެގި ޓީމުން އިކާޑީ އާއި ހިގުއިން ބާކީވެއްޖެއެވެ.

ޓީމުން އިންޓަ މިލާނުގެ މައުރޯ އިކާޑީ އާއި ޗެލްސީގެ ގޮންޒާލޯ ހިގުއައިން އަށް ފުރުސަތު ގެއްލިފައިވަނީ އާޖެންޓީނާ ޓީމުގެ އެޓޭކް ބެލެހެއްޓުން ބާސެލޯނާގެ ލިއޮނަލް މެސީ އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯއާ ހަވާލުކުރުމުން ކަން ފާހަގަކޮށްލެވެއެވެ.

މެސީ ވަނީ މިދިޔަ އަހަރު ވޯލްޑް ކަޕްއަށް ފަހު ބްރޭކެއް ނަގާފައެވެ. އަދި އަލުން ޓީމާއި ގުޅިފައިވަނީ މާޗްމަހުގެ ތެރޭގައެވެ. މިއީ ވޯލްޑް ކަޕުގެ ފަހުން އަގުއޭރޯ އަށް ސްކޮޑުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މެސީއާ އެއްގޮތަށް ވޯލްޑް ކަޕަށް ފަހު ބްރޭކެއް ނަގައި މާޗު މަހު އަލުން ޓީމާ ގުޅުނު ޕީއެސްޖީގެ ވިންގާ އެންހެލް ޑި މަރިއާ އަށް އަދި ޔުވެންޓަސްގެ ޕައޮލޯ ޑީބަލާ ވެސް ޓީމުގައި ހިމެނިފައިވެއެވެ.

އިކާޑީ އަށް ކުޅުމުގެ ފުރުސަތު ހަނިވެފައިވަނީ ކްލަބް ލެވެލްގައި ކުޅުމުގެ ފުރުސަތު ނުލިބޭތީއާ އެކު އާ ކޮންޓްރެކްޓެއް ހެދުމަށް އިންޓައާ އެކު އެއްބަސްވުމަކަށް ނާދެވި މައްސަލަތަކެއް ދިމާވުމުގެ ސަބަބުންނެވެ. އަދި ކެޕްޓަން ބޭންޑް ނެގިފަހުން ދެ މަހެއް ހާ ދުވަހު މެޗެއް ނުކުޅެ ހުރުމުންނެވެ.

ޗެލްސީ އަށް ކުޅެމުން އަންނަ ހިގުއައިންގެ ފޯމް މި ސީޒަނުގައި ވަނީ ބޮޑުތަން ދަށްވެފައެވެ. މީގެ ކުރިން އޭނާ ކްލަބް ލެވެލްގައި މޮޅަށް ކުޅުނު ނަމަވެސް ގައުމީ ޓީމުގެ މުހިއްމު މެޗުތަކުގައި ފުރުސަތުތައް ބޭކާރުކޮށްލާތީ ސަޕޯޓަރުން ވެސް އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ކޮޕާ އެމެރިކާ ބާއްވަން ހަމަ ޖެހިފައިވަނީ ޖޫން 14 އިން ޖުލައި 7 އަށް ބްރެޒިލްގައެވެ. އާޖެންޓީނާ ހިމެނިފައިވަނީ ގްރޫޕް ބީ ގައެވެ. އެއީ ކޮލަމްބިއާ، ޕެރެގުއޭ އަދި ގަތަރާ އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    އިކާޑީއަށް ފުރުޞަތު ނުދެނީ މެސީގެ ނުފޫޒުން. އިކާޑީ އެންމެ ފޯމްގަ ހުރި ސީޒަންޒަވެސް ވޯލްޑްކަޕްގަ ފުރުޞަތެއް ނުދިން.