ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ހެންވޭރު ހީނާގަސްދޮށުގެ އަޙްމަދު ސަލީމް (ބޮޑު ހީނާ) މިއަދު ޢައްޔަނު ކުރައްވައިފިއެވެ. އަޙްމަދު ސަލީމް މި މަޤާމަށް ޢައްޔަން ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ އޮފް ސްޕޯޓްގެމަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވީ ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ.

އަޙްމަދު ސަލީމަކީ ކުޅިވަރުގެ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީންކުރުމުގެ ރޮނގުން އަޙްމަދު ސަލީމް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާޞިލްކުރައްވާފައެވެ.

ކްލަބް ވެލެންސިއާ 1979 އަހަރު ވުޖޫދު ކުރެއްވުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ހީނާ ފާހަގަކުރެއްވެނީ އެ ކްލަބުގެ ލެޖެންޑެއްގެ ގޮތުގައެވެ. އަބަދުވެސް ޒުވާން ކުދިން ތަމްރީނު ކުރުމުގައި ފާހަގަކޮށްލެވޭ ހީނާ، 2004 ވަނަ އަހަރު އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ ނަމުގައި ފެށްޓެވި މަސައްކަތާ އެކު އޭނާގެ މަސައްކަތް ބޮޑުވެގެން ދިޔައެވެ.

ފުޓްބޯޅައިގެ ސީނިއާ ލެވެލްގެ ކޯޗިންގައި ހީނާގެ ތަޖުރިބާ ބޮޑުވެފައި ކާމިޔާބީތައް ގިނައެވެ. އޭނާ އަކީ ރާއްޖޭން 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ހޯދިއިރު އެސިސްޓަންޓް ކޯޗެވެ. އަދި ރާއްޖޭގެ 17 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ގައުމީ ކޯޗުކަން ވެސް ކުރިއެވެ. މީގެ އިތުރުން އޭނާގެ ކޯޗުކަމުގެ ދަށުން ވެލެންސިއާ ވަނީ 1995 ވަނަ އަހަރުގެ ކަޕްވިނާސް ކަޕް ކާމިޔާބުކޮށް އެ އަހަރުގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ދެ ވަނަ ބުރަށް ގޮސްދަ އެވެ. އަދި 1997 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ޕޮމިސް ކަޕް ކާމިޔާބުކޮށްދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަނެއްކާ އަނެއް ރީނދޫ ބޮޑޭ އަކަށް ބައި އަޅަންވީ ދޯ؟

  2. އަހުމަދު

    ހިންގުމުގެ ދާއިރާ އަކީ މުޅިން އެހެން ދާއިރާ އެއް ދުވަހަކު އޮފީހެއްގައި ހިންގުމުގެ ދާއިރާގައި ނޫޅޭ މީހަކަށް މި މަގާމު ދިންކަން ވަރަށް ދެރަ ކުޑަ ކުދިންނަށް ފުޓްބޯޅަ ދަސްކޮށްދޭން އުޅުނަށް ކުޅިވަރުގެ ސިޔާސަތު ކަނޑަ އަޅާ ހިންގަން ހީނާ އަކަށް ނޭގޭނެ މަގާމެއް ދިނަސް ގަބޫލު ކުރަންވާނީ ތިމާޔަށް ކުރެވޭ ވަރުގެ ކަންކަން . އިބްރާހިމް އިސްމާއީލް ފަދަ މީހަކަށް ތިޔަ މަގާމު ދިންނަމަ ވަރަށް ރަނގަޅުވީސް ... ކޮންމެ މީހަކަށް ވެސް ތިމާގެ ހިޔަނި ފެނުމަކީ ދެރަ ކަމެއް..

    3
    1