ހާޓް އެޓޭކެއް ޖެހިގެން ކެރިއަރު ނިންމާލަން ގަސްދުކޮށްފައިވާ ސްޕެއިންގެ ލެޖެންޑަރީ ގޯލްކީޕަރު އީކާ ކަސިލަސްގެ އަންހެނުން، ސާރާ ކާބޮނޭރޯ ކެންސަރަށް ފަރުވާ ކުރަމުންދާ ކަމަށް އިއުލާން ކޮށްފިއެވެ.

ކަސިލަސް އެންމެފަހުން ކުޅުނު ކްލަބު ޕޯޓޯގެ ޓްރެއިނިންގައި އުޅެނިކޮށް، ކަސިލަސްއަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، އޭނާ ހޮސްޕޮޓަލުން ދޫކޮށްލިތާ އަދިވީ ހަފްތާއެކެވެ. އުމުރުން 35 އަހަރުގެ ސާރާ، އޭނާގެ އޯވަރީއަށް ކެންސަރު ޖެހިފައިވާކަން އިއުލާން ކުރަމުން ބުނެފައި ވަނީ ކަސިލަސްގެ ހާޓް އެޓޭކުން ލިބުނު ސިހުމުން އަދި އަރައިވެސް ނުގަނެވޭ ކަމަށެވެ.

"މިއީ އަހަރެންވެސް ބުނަން ޖެހޭ ވަގުތު. މިއީ ކެންސަރުގެ ހަ އަހަކުރު އަހަރެންވެސް ޓައިޕް ކުރަން ޖެހޭ ވަގުތު. އެއީ އުނދަގޫކަމެއް ނަމަވެސް އެކަން ގަބޫލުކޮށް ކުރިމަތިލާނަން،" ކުރީގެ ޕްރެސެންޓަރު ސާރާ ބުންޏެވެ.

ސާރާ ބުނެފައި ވަނީ ކެންސަރާ ކުރިމަތިލާނީ ކެރިގެން ކަމަށާއި، މަސްތަކެއް ފަހުން ރަނގަޅުވެގެން އެނބުރި އަންނަން ތައްޔާރަށް ހުރި ކަމަށެވެ. ސާރާއާ އިނދެގެން، އެ ދެމަރިންނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ.

ސްޕެއިންއާއެކު ވޯލްޑް ކަޕްގެ އިތުރުން ދެފަހަށް ޔޫރޯވެސް ހޯދާފައިވާ ކަސިލަސްއަކީ ދުނިޔެ ދުތް އެންމެ ކާމިޔާބު އެއް ގޯލްކީޕަރެވެ. އޭނާ ވަނީ ކްލަބު ލެވެލްގައިވެސް ހުރިހާ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ރެއާލް މެޑްރިޑާއެކު އެތައް ދުވަހެއް ހޭދަކޮށް، އޭނާ ވަނީ ކްލަބުގެ ރަން ތާރީހުން ޖާގަ ހޯދާފައެވެ. ރެއާލް ދޫކޮށް ކަސިލަސް ޕޯޓޯގައި ކުޅެމުންދާ އިރު، އޭނާގެ އުމުރުން މިހާރު 37 އަހަރެވެ.