ޓޭބަލް ޓެނިހުގައި ރާއްޖޭގައި ހުރި އެންމެ އުންމީދީ ތަރި، ދީމާ އަލީގެ ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، ތަމްރީނުތަކަށް ހިނގާ ހުރިހާ ހަރަދެއް ޔޫތު މިނިސްޓްރީން ދޭން ނިންމައިފިއެވެ.

ދެކުނު އޭޝިއާގެ ހޯޕް ވީކުގައި ބައިވެރިވެ ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތަކުން ފުރަތަމަ ފަހަރަށް ރަން މެޑަލެއް ހޯދައިދިން ދީމާ، މިދިޔަ ހަފްތާ ތައިލަންޑުގައި ކުރިއަށް ދިޔަ އޭޝިއަން ޓީޓީ ހޯޕް ޓޯނަމެންޓުން ރިހި މެޑަލްވެސް ހޯދާފައިވާ އިރު، ދީމާ ރާއްޖެ އައުމުން މިރޭ ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިނިސްޓަރު އަހުމަދު މަހުލޫފްވެސް މަރުހަބާ ދަންނަވަން ވަޑައިގެންވި އިރު، މަރުހަބާއަށް ފަހު މަހުލޫފު ވިދާޅުވެފައި ވަނީ 11 އަހަރުގެ ދީމާއަކީ ރާއްޖެއަށް ރީތި ނަން ގެނެސްދޭ ކުޅުންތެރިއެއް ކަމަށެވެ.

މަހުލޫފު ވިދާޅުވެފައި ވަނީ ދީމާގެ ކާމިޔާބީގެ ފަހަތުގައި ވަނީ ހިތްވަރު ގަދަ ބެލެނިވެރިންނާއި، ކޯޗު ޝިއުރީ އިބްރާހީމް އަދި ޓީޓީ އެސޯސިއޭޝަން ކަމަށެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލަށް ދީމާ ދަތުރުކޮށްފައި ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްގެނެވެ. މުބުރާތުގައި ބައިވެރިވާނީ އޭޝިއާ ބައްރުގެ ގައުމުތަކުގެ ތެރެއިންވެސް އެންމެ މޮޅެތި ކުޅުންތެރިންނެވެ. އޭގެ އިތުރުން ޓީމް ކެޓަގަރީގައި މިސްރާއި، ގްރީސް އަދި މެކްސިކޯގެ ކުޅުންތެރިންނާއެކު ވާދަކޮށް، ދީމާ ވަނީ ލޯ މެޑަލް ހޯދައިފިއެވެ.

ދީމާއަށް މީގެ ކުރިން ރައީސްވެސް ވަނީ ހިތްވަރު ދެއްވާފައެވެ.