އިނގިރޭސިވިލާތުގެ ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހް އަކީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ ކަމަށް މިސްރުގެ ޤައުމީ ޓީމުގެ ކޯޗު ހެކްޓަރ ކަޕަރ ބުނެފިއެވެ.

ހުކުރު ދުވަހު ޕޯޗުގަލް އާއި ދެކޮޅަށް ކުޅެ 2-1 ގެ ނަތީޖާއަކުން ބަލިވި މެޗަށް ފަހު މީޑިއާތަކާއި ވާހަކަ ދައްކަމުން ހެކްޓަރ ބުނެފައި ވަނީ ސަލާހް އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކު ކަމަށާއި ސަލާހްގެ ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމުގައެވެ.

" އަހަރެން ގަބޫލު ކުރާ ގޮތުގައި ސަލާހް އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކު. އަހަންނަކަށް އަދި ޔަގީން ކަމާއި އެކު ބުނާކަށް ނޭނގެ ސަލާހް އަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވިދާނެއެކޭ. އެހެންނަމަވެސް ސަލާހްގެ ކުޅުމާއި މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ" ހެކްޓަރ ބުނެފައިވެއެވެ.

އަދި ރަގަނޅު ކުޅުންތެރިއެއްގެ ފަހަތުގައި ރަގަނޅު ޓީމެއް އޮންނާނެ ކަމަށްވެސް ކޯޗު ހެކްޓަރ ބުނެފައިވެއެވެ.

ރަޝިއާގައި މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް މިސްރު ކޮލިފައި ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ސަލާހް އަކީ ކުލަބު ފެންވަރުގައިވެސް ބާރަށް ފިޔަޖަހަމުންދާ މޮޅު ކުޅުންތެރިއެވެ. އެގޮތުން ސަލާހް ވަނީ އެއް ސީޒަންއެއްގައި ލިވަޕޫލްއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ރެކޯޑްވެސް މުގުރާލާފައިއެވެ.

ސަލާހްގެ މޮޅު ކުޅުމުގެ ސަބަބުން ރެއާލް މެޑްރިޑް އަދި ބާސެލޯނާ އާއި ޕީއެސްޖީ ފަދަ ބޮޑެތި ކުލަބު ތަކުން އަންނަނީ ސަލާހް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.