ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެކްޓިން ޗެއާމަނަކަށް ކުރީގެ ފުޓުބޯޅަ އަދި ވޮލީ ކުޅުންތެރިޔާ ސައްޔިދު އަލީ، ނިއުގެ ބޯޑުން އައްޔަން ކޮށްފިއެވެ.

ނިއު ރާއްޖޭގެ ފުޓުބޯޅައިން ސަސްޕެންޑް ކޮށްފައިވާ އިރު، އެ ކްލަބު ބޮޑު އަނދަވަޅެއްގެ ތެރޭގައި ވަނިކޮށް، ކުރީގެ ޗެއާމަން ރިޓަޔާޑް ކާނަލް މުހައްމަދު ޒިޔާދު ވަނީ އިސްތިއުފާ ދީފައެވެ.

ނިއުގެ ހާލަތުން އަރައި ގަނެ، އަލުން އަނބުރާ ޓީމު ނެގެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް އެކްލަބުގެ ސަޕޯޓަރުން ވަނީ ފަށާފައެވެ. ސައްޔިދު އަލީ މީގެ ކުރިން ހުރީ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމުގައެވެ. ރޭގެ ބޯޑު މީޓިންއިން ވަނީ ސަޕޯޓަރުންނާއި ބޯޑު ހިމެނޭ ހާއްސަ ކޮމިޓީއެއް ނަގާ، އެ ކޮމިޓީގެ ޗެއާމަނަކަށް ކްލަބުގެ ސަޕޯޓަރު، އަދި މަޖިލީހުގެ ނޮޅިވަރަމް ދާއިރާއަށް އިންތިހާބުވެވަޑައިގަތް މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަމަޖެއްސާފައެވެ.

އެފްއޭއެމްއިން ނިއު ސަސްޕެންޑް ކޮށްފައި ވަނީ ވޭތުވެދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މިއަދާ ހަމައަށް 10 ކުޅުންތެރިއަކަށް ދޭން ޖެހޭ ޖުމުލަ 3.8 މިލިޔަން ރުފިޔާ އަށްވާ މުސާރައާއި އުޖޫރަ އެކުލަބުން ދައްކާފައި ނުވާތީއާއި އެކަމާ ގުޅިގެން ތަފާތު އެކި ފަހަރު މަތިން އެފްއޭއެމްގެ ޕްލޭޔަރ ސްޓެޓަސް ކޮމިޓީއަށް ހާޟިރު ކުރެވި މައްސަލަ ހުށަހަޅާފައިވާ ކުޅުންތެރިންނަށް ދޭން ޖެހޭ އުޖޫރަ ދިނުމަށް އެތައް މުހުލަތެއް ދިނުމަށްފައެވެ.

އެ ސަސްޕެންޝަން އެފްއޭއެމްގެ އާންމު ޖަލްސާގައި ކްލަބުތަކުގެ ވޯޓާއެކު ދަމަހައްޓާފައިވާ އިރު، ނިއުގެ މުސާރައިގެ މައްސަލަތަކެއް ފީފާއިންވެސް ވަނީ ނިންމާފައެވެ. އެގޮތުން އަފްގާނިސްތާން ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރީއަށްވެސް ނިއު 40،000 ޑޮލަރު ދިނުމަށް ފީފާއިން ވަނީ އަންގާފައެވެ.