ލ. ގަމުގެ މަތިމަރަދޫ ޒުވާނުންގެ ފަރާތުން އިސްނަގައިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވާ "މަތިވަރު ފުޓްސަލް ޗެލެންޖް"ގެ ޗެމްޕިއަންކަން ގަމު ތުނޑީ ގޯޅި އެސްސީން ހޯދައިފިއެވެ.

ގޯޅި ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 2-1ގެ ނަތީޖާއަކުން ވަރުގަދަ ކަންމަތި އެސްސީ ބަލިކޮށްގެންނެވެ.

ފައިނަލަށް މެޗަށް ރޭ ނުކުތް ދެޓީމަކީވެސް ގަން ފޮނަދޫ ސަރަހައްދުގައި ފުޓްސަލްގެ އެންމެ ވަރުގަދަ ދެ ނަމެވެ. ގޯޅިއަކީ ރާއްޖޭގެ ފުޓްސަލްއަށް ތަރިންތަކެއް ތައާރަފް ކޮށްދީފައިވާ ޓީމެކެވެ. ހުސައިން ޝަރީފް (އޮންލީ)އާއި ހުސައިން ނާޝީދު (ނާއްޓޯ) އަދި އަހުމަދު ހަލީމް (އަންމަޑޭ) ފަދަ ކުޅުންތެރިންނަކީ ގޯޅީގެ ޕްރޮޑަކްޓްތަކެވެ.

ކަންމައްޗަަކީ އަބަދުވެސް މިހާރު ވަރުގަދަކޮށް ފެންނަ ޓީމެކެވެ. އަލީ ހާފިޒް (ހާއްޕެ)އާއި އިބްރާހީމް އަސްވާދު (ގަބޭ) އަދި ސިނާއާވެސް އެކު ކަންމަތިން މިފަހަރުވެސް ނުކުތީ ސީދާ ތަށްޓަށެވެ. ރޭގެ ފައިނަލަށް ނުކުތް އިރު، ގޯޅިއަށް ލިބުނު އެންމެ ބޮޑު މާޔޫސް ކަމަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އަބްދުﷲ ޝައްފާން (ޝާކާ) އަނިޔާގައި ހުރުމެވެ. އޭނާއަކީ ސެމީގައިވެސް ގޯޅިއަށް އެންމެ މުހިއްމު ކުޅުމެއް ދެއްކި ކުޅުންތެރިޔާއެވެ.

ފޮޓޯ/ މަތިވަރު ފުޓްސަލް ޗެލެންޖު

އެތައް ސަޕޯޓަރުންނެއްގެ ކުރިމަތީގައި ރޭ ކުޅުނު ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔަކަށް ގޯޅީގެ އޮންލީ ހޮވުނުއިރު، ފައިނަލް މެޗަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވެއެވެ.

ފެއާ ޕްލޭ ޓީމަކަށް ސިކްސް ސެންސަސް ލާމު ހޮވުނު އިރު، ޓޮޕް ސްކޯރާއަކީ އެޓީމުގެ އަހުމަދު ސޮބާހެވެ. ފައިނަލް މެޗު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޝަރަފުވެރި ކޮށްދެއްވާފައިވާ އިރު، ޓޮޕް ފައިވްއަށް ހޮވިފައިވާ ކުޅުންތެރިންނަށްވެސް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ.

ޓޮޕް ފައިވް:

ސިކްސް ސެންސަސް ލާމު/ އަހުމަދު ސޮބާހު

ގޯޅި އެސްސީ/ ހުސައިން ނާޝިދު (ނާއްޓޯ)

ކަންމަތި އެފްސީ / އިބްރާހީމް އަސްވާދު (ގަބޭ)

ގޯޅި އެސްސީ/ ޔާމީން މުހައްމަދު (ޔާންޓެ)

އައުޓް ރީފް / އަލީ ފަރުހާން

އޭގެ ތެރެއިންވެސް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގޯޅީގެ ޔާންޓެއެވެ.

މަތިވަރު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ އަގުހުރި އިނާމެއް ހުށަހެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު