އަފްގާނިސްތާންގެ ގައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ ގެނެސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ޓީމު އިތުރަށް ވަރުގަދަ ކޮށްފިއެވެ.

އުމުރުން 27 އަހަރު އަޒީޒީ މާޒިޔާއާ ގުޅުކަން އެ ކްލަބުން ރޭ އިއުލާން ކޮށްފައިވާ އިރު، އޭނާއަކީ މީގެ ކުރިން ޑެންމާކުގެ ދެވަނަ ޑިވިޝަންގައިވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ޅަ ދުވަސްވަރު ރެފިއުޖީއެއްގެ ގޮތުގައި ފުރަތަމަ އީރާންގައި އުޅުމަށްފަހު، އޭގެ ފަހުން ޑެންމާކުގައި ވަޒަންވެރިވެގެން ކުޅެން ފެށި އަޒީޒީ ގައުމީ ޓީމަށް ފުރަތަމަ ނަގާފައި ވަނީ 2015 ވަނަ އަހަރުއެވެ.

އޭރު އަފްގާން ގައުމީ ކޯޗަކީ މިހާރު ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓެވެ.

2015 ވަނަ އަހަރު ކާމިޔާބު ސާފް ޗެމްޕިއަންޝިޕެއްވެސް އަޒީޒީ މާޒިޔާއާއެކު ކުޅެފައިވާ އިރު، މާޒިޔާއަށް ސޮއިކުރުމަށްފަހު އޭނާ ބުނެފައި ވަނީ މާޒިޔާގެ އާއިލާއާ ގުޅުމަކީ ލިބުނު އުފަލެއް ކަމަށާއި، ޓީމުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މާޒިޔާގެ ގޯލް މިދިޔަ ސީޒަންގައި ބަލަހައްޓާފައި ވަނީ ގައުމީ ޓީމުގެ ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފްއެވެ. އޭނާއަކި ތަޖުރިބާ މަދު ގޯލްކީޕަރެއް ނަމަވެސް، ރާއްޖޭގެ އަދި މާޒިޔާގެ މުސްތަގުބަލާ ވަރަށް ބޮޑަށް ގުޅިފައިވާ ޒުވާން ގޯލްކީޕަރެކެވެ.

އަޒީޒީއަކީ މާޒިޔާއަށް މި ސީޒަންގައި ގެނައި ފުރަތަމަ ބިދޭސީ ކުޅުންތެރިޔާއެވެ. އެޓީމުން ސީޒަނަށް ވަރުގަދަ ސްކޮޑެއް ތައްޔާރު ކުރަމުންދާ އިރު، ރާއްޖޭގެ އެންމެ ވަރުގަދަ ނަންތައް ވަނީ ޓީމަށް ގެންގޮސްފައެވެ. ފޯވަޑް ލައިނުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އާއި ހަމްޒާ މުހައްމަދު (ހަމްޕު) ފެނިގެންދާ އިރު، މެދު ތެރެއަށްވެސް ގައުމީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ ހަސަން ނިހާން (ނިހާޓް) އިބްރާހީމް ވަހީދު (އިއްބެ) ވެސް މާޒިޔާއިން ގެންގޮސްފައެވެ.

މާޒިޔާއަށް އަންނަ ސީޒަންގައި އިރުޝާދު ދޭނީ އެޓީމަށް މީގެ ކުރިންވެސް އިރުޝާދު ދިން ކާމިޔާބު ކޯޗު، މަރުޖާން ސެކުލޮވްސްކީއެވެ.