މިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓަށް ކުޅުނު އަފްގާނިސްތާން ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީގެ މުސާރައިގެ މައްސަލައިގައި، ނިއުއަށް އަދަބު ދޭން ފީފާއިން ނިންމައިފިއެވެ.

ނިއުއިން އަމީރީއަށް ދޭން ޖެހޭ މުސާރަ ނުލިބިވާކަމަށް، އަމީރީ ފީފާއަށް މައްސަލަ ޖެއްސުމުން، ފީފާގެ ޑިސްޕައިޓް ރިސޮލިއުޝަން ޗެމްބާއިން ނިއުއަށް އަންގާފައި ވަނީ 45،636 ޑޮލަރު، 45 ދުވަހުގެ ތެރޭގައި އަމީރީއަށް ދިނުމަށެވެ. ނިއުއިން އަމީރީއަށް ދޭން ޖެހޭ މުސާރައިގެ 13،250 ޑޮލަރު އިންޓަރެސްޓާއެކު ދެއްކުމަށް ފީފާއިން އަންގާފައިވާ އިރު، ކޮންޓްރެކްޓާ ހިލާފުވުމުން ނިއުއިން އަމީރީއަށް 30،130 އަދި އޭގެވެސް ފަސް ޕަސެންޓް އިންޓްރެސްޓް ދޭން ޖެހެއެވެ.

ފީފާއިން މީގެ ކުރިންވެސް ބުނެފައި ވަނީ އެ އަދަދު 45 ދުވަހުގެ ތެރޭގައި ނުދެއްކިއްޖެ ނަމަ، ޓްރާސްފާ ބޭން ކުރާނެ ކަމަށެވެ. މިމަހުގެ 15 ވަނަ ދުވަހަށް އެ މުއްދަތު ހަމަވެފައިވާ އިރު، ފީފާއިން ބުނެފައި ވަނީ ތިން އަހަރު ދުވަހަށް ނިއުއަށް ލޯކަލް އަދި ބޭރުގެ އެއްވެސް ކުޅުންތެރިޔަކު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ސަސްޕެންޑް ކުރާނެ ކަމަށެވެ.

ފީފާ އިން ވަނީ މިދިޔަ ސީޒަނުގައި ނިއު އަށް ކޯޗުކޮށްދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒްގެ މުސާރަ ދޭން ވެސް މާޗު މަހު ނިއު އަށް އަންގައިފަ އެވެ. އެއީ މުސާރައިގެ ގޮތުގައި ޓަވަރޭޒަށް ދޭން ޖެހޭ 4000 އެމެރިކާ ޑޮލަރު (61،680ރ) އާއި ނިއު އިން ހަދާފައިވާ ކޮންޓްރެކްޓާއި ހިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުން ދޭން ޖެހޭ 20،000 އެމެރިކާ ޑޮލަރު (308،400ރ) އަދި ފީފާ އަށް ދޭން ޖެހޭ 7961 އެމެރިކާ ޑޮލަރު (122،758ރ) އެވެ. އިންޓްރެސްޓާ އެކު ނިއު އިން ދައްކަން ޖެހޭ ޖުމްލަ އަދަދު މުޅި ޖުމްލަ 33،161 އެމެރިކާ ޑޮލަރު (511،342.62ރ) އަށް އަރާނެއެވެ.

ނިއުއިން މިދިޔަ ސީޒަންގައި އެ ކްލަބަށް ކުޅުނު ލޯކަލް 10 ކުޅުންތެރިއެއްގެ މުސާރައިގެ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން އެފްއޭއެމްއިން ވަނީ އެ ކްލަބު ސަސްޕެންޑް ކޮށްފައެވެ. މިދިޔަ ސީޒަންގައި ނިއުއަށް މުސާރައިގެ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ އިރު، އަމީރީ ވަނީ ސީޒަން މެދުތެރެއިން ކްލަބު ދޫކޮށް ގޮސްފައެވެ.

އަމީރީ އޭރު ބުނެފައި ވަނީ ނިއުއިން ދޭން ޖެހޭ މުސާރަ ނުދީ އޮތް ކަމަށާއި، ކޮންޓްރެކްޓާ ހިލާފަށް އޭނާ ދިރިއުޅުނު އެޕާޓްމަންޓްވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، ނިއުއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ނިއުގެ މައްސަލަތަކުން އަރައިގަތުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ އިރު، އެ ކްލަބުގެ ޗެއާމަން ކަމުގައި މިދިޔަ ސީޒަންގައި ހުރި ރިޓަޔާޑް ކާނަލް މުހައްމަދު ޒިޔާދު ވަނީ އެ މަގާމުން އިސްތިއުފާ ދީފައެވެ. އަދި ވަގުތީ ޗެއާމަނަކީ ސައްޔިދު އަލީއެވެ. މިހާރުގެ ބޯޑާ ނިއުގެ ސަޕޯޓަރުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ އިރު، އެ މަސައްކަތްތަކުގައި ނިއުއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު އިމްރާން މުހައްމަދު (އިންމަ)ވެސް ވަނީ ނުކުމެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނު

  "ފީފާއިން މިއޮތީ ނިއުރޭޑިއަންޓާއި ދެތެރޭ ޒާތީވެފަ" ކަމަށް ނިއުގެ ޖެނެރަލް ސެކްޓްރީ ވަރަށް އަވަހަށް ބަޔާންނެރޭނެ. އެބަޔާނުގަި ބުނާނެ މިއީ އެފް.އޭ.އެމް އާއި ފީފާ ގުޅިގެން ނިއު ވުޖޫދުން ނައްތާލުމަށް ހިންގާ އޮފަޕޭޝަނެއްކަމަށް.

  5
  1
 2. ޖަހާންގީރު

  ޕާޓީ އަށްޓަކާ ޓީމް ހަލާކު ކޮށްލީ

  11
  1
  • އޮރެންޖު

   ރަނގަޅަށް ތިބުނީ. މާ އެމް.ޑީ.ޕީ ވެގެން އުޅޭ ބައެއް. ޓީމް ވެސް ގިނަ ސަޕޯރޓަރުން ވެސް. މިކަން ވަރަށް ރަނގަޅަށް އިނގޭނެ ސަޕޯރޓަރުން ހަދާފަވާ ވައިބަރ ގުރޫޕުންވެސް.

 3. ޕޮފުބާ

  ކޮންނިއުއެއް ހައްގުހައްގު އަދަބުތީ