ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަކީ މައްސަލައެއް ނޫން ކަމަށް ބާސެލޯނާގެ ލެޖެންޑް ކާލްސް ޕުޔޯލް ބުނެފިއެވެ.

ބާސެލޯނާ ދޫކޮށްލުމަށްފަހު މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ނޭމާ ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު އަގަކަށް ކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ. ނަމަވެސް މި ސީޒަނަށްފަހު ނޭމާ ޕީއެސްޖީ ދޫކޮށްލަން އުޅޭކަމުގެ އަޑުތަށް ގަދަވެފައިވާއިރު އޭނާ ހޯދުމަށް ބާސާ އާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑުން ޝައުގުވެރިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މި ވާހަކަތަކާއި ގުޅިގެން ބާސާގެ ކުރީގެ އިތުބާރު ޑިފެންޑަރު ޕުޔޯލް ބުނީ ނޭމާ ރެއާލް އަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި އެއީ މާބޮޑު މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"ނޭމާ ރެއާލް އަށް ދިޔުމަކީ އެކަށީގެންވާ ކަމެއް. އެއީ މައްސަލަ އެއް ވެސް އޮތް ކަމެއް ނޫން. އޭނާ އަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް. އެކަމަކު ހީއެއް ނުވޭ ޕީއެސްޖީ ދޫކޮށްލުމަކީ ނޭމާ އަށް ކުރަން އެހާ ފަސޭހަ ކަމަކަށް ވާނެހެން. ނޭމާ ގެނައުމަށް ޕީއެސްޖީ އިން ވަނީ ވަރަށް ބޮޑު ހޭދައެއް ކޮށްފައި" ޕުޔޯލް ބުންޏެވެ.

ނޭމާ ރެއާލް އަށް ބަދަލުވެދާނެ ކަމުގެ ވާހަކަތަށް ދެކެވެމުންދާއިރު ދާދިފަހުން ޕީއެސްޖީގެ ރައީސް ނަސީރް އަލް ހަލައިފީ ވަނީ ނޭމާ އެ ކްލަބް ދޫކޮށްލަން އުޅޭ ވާހަކަތަށް ދޮގުކޮށްފައެވެ. އެގޮތުން ނޭމާ ޕީއެސްޖީގައި ހުރީ އުފަލުން ކަމަށްވެސް ހަލައިފީ ވިދާޅުވިއެވެ.

ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް ނޭމާ މިވަގުތު ބްރެޒިލްގައި ހުރިއިރު އެ އަނިޔާ އާއި ގުޅިގެން ގާތްގަނޑަކަށް ދެ ތިން މަސްދުވަހަށް އޭނާ ވަނީ ކުޅުމާއި ދުރުގައި ހުންނަން ޖެހިފައެވެ.

ނޭމާ މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ މިއަހަރުގެ ޖޫން މަހު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ފިޓުވުމަށެވެ.

ޕީއެސްޖީގައި މޮޅު ކުޅުމެއް ނޭމާ ދައްކަމުން އަންނައިރު އޭނާ މި ސީޒަނުގައި އެޓީމަށް ކުޅެދިން 30 މެޗުގައި 29 ގޯލު ކާމިޔާބުކޮށްދީފައެވެ.