އަނިޔާގައި ހުންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ބުނެފިއެވެ.

މެސީގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން މިދިޔަ ހުކުރު ދުވަހުގެރޭ އާޖެންޓީނާ އިން އިޓަލީ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ. މެސީ ނެތި އެ މެޗު އާޖެންޓީނާ ވަނީ 0-2 އިން ކާމިޔާބުކޮށްފައެވެ.

އިޓަލީ އާއި ދެކޮޅަށް ކުޅުނު މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން މެސީ ބުނީ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެފައިވާ ކަމަށާއި އުއްމީދަކީ އާޖެންޓީނާ އިން ދެން ކުޅޭ އެކުވެރިކަމުގެ މެޗަށް ފިޓުވުން ކަމަށެވެ. އަންނަ އަންގާރަ ދުވަހުގެރޭ އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާ އިން ނިކުންނާނީ ސްޕެއިން އާއި ދެކޮޅަށެވެ.

"މި އަނިޔާގައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. އަހަރެން އަބަދުވެސް ބޭނުންވޭ ކުޅެން. އިޓަލީ އާއި ދެކޮޅަށް ކުޅުނު މެޗުގަ އަހަރެން ނިންމީ ރެސްޓެއް ނަގަން. އުއްމީދަކީ ދެން އަންނަ މެޗެއްގައި ކުޅެވޭ ގޮތް ވުން" މެސީ ބުންޏެވެ.

އަނިޔާގައި ހުންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް މެސީ ބުނެފައިވާއިރު އެންމެފަހުން އޭނާ ކުޅުނު ހަ މެޗުގައި ވަނީ އަށް ގޯލު ކާމިޔާބުކޮށްފައެވެ. މެސީ ވަނީ މި ސީޒަނުގައި މިހާތަނަށް ޖުމްލަ 35 ގޯލު ކާމިޔާބުކޮށްފައެވެ.

ސްޕެއިން އާއި ދެކޮޅަށް ކުޅޭ މެޗުގައި މެސީ ފެނުމުގެ ފުރުސަތު އޮތްއިރު އަނިޔާގެ ސަބަބުން އެ މެޗުގައި އާޖެންޓީނާގެ އެންހެލް ޑިމަރިޔާ އަށް ނުކުޅެވޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ.